އިސްލާމްއާބާދު އަދި ސްވިޒަލޭންޑްގެ މަޝްވަރާ މޭޒުތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް އިންނެވީ ނައިބު ރައީސް ޖޭޑީ ވާންސެވެ. އެޕްރީލް މަހު އިސްލާމްއާބާދުގައި ކުރިއަށްދިޔަ ވާހަކަތަކުން ޖޫން މަހު އީރާނާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ހޮރުމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާއެކު އެ އެއްބަސްވުން މާ ގިނަ ދުވަހަކު ދެމިއެއް ނޯތެވެ.
މިހާރު އެ މަޝްވަރާތަކުގެ މިސްރާބު މިވަނީ މުޅިން ބަދަލުވެފައެވެ. އީރާނާއެކު އެއްބަސްވުމެއް ހަދަން ބޭނުންފުޅު ނުވާ ކަމަށް އެ ގައުމުގެ އިސް ނެގޯޝިއޭޓަރު އަދި ނައިބު ރައީސް ޖޭޑީ ވާންސަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި ކަމަށް ޓްރޫތު ސޯޝަލް މެދުވެރިކުރައްވައި ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި އެއްބަސްވުމެއް ހަދަންޖެހޭ ދުވަސްތައް ފާއިތުވެގެން ހިނގައްޖެ ކަމަށާއި، އީރާނުގެ އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ފައިސާއާއި އެ ގައުމުގެ ކަނޑުއޮޅި ވެސް މިހާރު އޮތީ އެމެރިކާގެ އަތްދަށުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އީރާނުގެ މައްސަލައިގެ ބަދަލުގައި، ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލްކުރާ އެމެރިކާގެ ސިޓީތަކާއި ސްޓޭޓްތަކުގައި ހިނގާ ބޮޑެތި ކޮރަޕްޝަނާއި ކުށްތަކުގެ މައްސަލަތައް ބެއްލެވުމަށް މުޅި ސަމާލުކަން ދެއްވުމަށް ވާންސްގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. މި ބަދަލު އައިސްފައިވަނީ މިޑްޓާމް އިންތިހާބުގައި ޑިމޮކްރެޓުން ކޮންގްރެސްގެ ކޮންޓްރޯލް އަތުލާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ވާންސް ވަނީ، ކޮންގްރެސްގެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އީރާނަށް ދިން އަސްކަރީ ހަމަލާތަކާއި އޭގެ ސަބަބުން އެމެރިކާގައި އުފެދުނު ހަކަތައިގެ ކާރިސާއާއި ތަކެތީގެ އަގު އުފުލުމުގެ ނަތީޖާ ކަމަށް ވިދާޅުވެ، އެކަމުގެ ޒިންމާ ޓްރަމްޕްގެ ބޮލުގައި އަޅުއްވާފައެވެ.
މިޑްޓާމް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، ހަނގުރާމަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ފިއްތުންތަކުގެ ނަތީޖާ ދަނީ ފެންނަމުންނެވެ. އެހެންކަމުން، އަލުން ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ފެށުން މުހިންމު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓްރަމްޕް މިވަގުތު އެއްބަސްވުމަކަށް ދިއުމަކީ ވާނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގެންނެވި ނަމަވެސް، ވާންސް ހުންނެވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ތާއީދުކުރައްވައިގެންނެވެ. ސްވިޒަލޭންޑްގައި އީރާނާއެކު ކުރިއަށްދިޔަ ސީދާ ވާހަކަތަކުގައި ވެސް އިސްކޮށް އުޅުއްވި ވާންސް ވަނީ، ގަތަރާއި ޕާކިސްތާނުގެ މެދުވެރިންނާ ގުޅިގެން އީރާނުގެ އޮފިޝަލުންނާއެކު ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދެވުމަށް މަސައްކަތްކުރައްވާފައެވެ.
އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ނޮ ވާންބަރު 4 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވާންސް ވަނީ، މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ސިޔާސީ އަދި އިގްތިސާދީ ގެއްލުންތަކާ މެދު ފާޅުގައި ސުވާލު އުފައްދަވާފައެވެ. ޑިޕްލޮމެޓިކް ހައްލަކަށް ތާއީދުކުރައްވައި ވާންސް ލިޔުއްވާފައިވަނީ، އިންތިހާބުން ބަލިވި ސަބަބަކީ ހަނގުރާމަ ކަމަށާއި، ރައީސް ޓްރަމްޕް އަމިއްލަފުޅަށް ވެސް އެ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 އަހަރަށް ސެނެޓް ގެއްލިގެން ދިއުމަކީ އެކަށީގެންވާ އަގެއް ކަމަށް ބަޔަކު ދެކޭ ނަމަ، އެ ވާހަކަ ދެއްކުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވޮޝިންޓަންގެ ސިޔާސީ މަސްރަހު މިފަދަ ގޮތަކަށް އޮތް އިރު، އަސްކަރީ މައިދާނުގައި ހަމަލާތައް ދަނީ ކުރިއަށެވެ. ބަހްރައިންގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ އާލީ-ވޯނިން ރާޑަރު ސިސްޓަމަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނި ކަމަށް އަލްޖަޒީރާއިން މިއަދު ރިޕޯޓުކޮށްފައިވެއެވެ. އެ ހަމަލާއަކީ އީރާނުގެ ދެކުނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ސިރިކްގައި ހުރި ޓެލެކޮމިއުނިކޭޝަން ޓަވަރަކަށް ދިން ވައިގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
ހަމައެއާއެކު، ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރި ވިޔަފާރި އުޅަނދުތަކަކަށް ކަނޑުގެ މައިންތަކުން ނުވަތަ އީރާނު އަސްކަރިއްޔާގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. އެ ކަނޑުއޮޅިން ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ކަނޑުދަތުރުފަތުރާ ބެހޭ ހުރިހާ އިދާރާތަކުން އިރުޝާދުދެމުންދާއިރު، އިންޝުއަރެންސް ކުންފުނިތަކުން ވަނީ އެ ސަރަހައްދުން ކުރާ ދަތުރުތަކުގެ އަގު ވަރަށް ބޮޑަށް އުފުލާފައެވެ. ނުވަތަ އެފަދަ ދަތުރުތަކަށް އިންޝުއަރެންސް ދިނުމަށް މުޅިން ދެކޮޅުހަދާފައެވެ.
އެމެރިކާގެ އިސް ނެގޯޝިއޭޓަރު މަޝްވަރާ މޭޒުން ދުރުކުރައްވައި، އެއްބަސްވުމެއް ބޭނުންފުޅު ނުވާ ކަމަށް ރައީސް ޓްރަމްޕް އެންގެވުމާއެކު، ހޮރުމުޒް ކަނޑުއޮޅިގެ ނުރައްކާތެރިކަމާއި ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ކޯޅުން މިވަނީ ޑިޕްލޮމެޓިކް މަގު ބަންދުވެފައިވާ ހާލަތަކަށް ވެއްޓިފައެވެ.
