ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ޑިސެންބަރު މަހު ބަންގްލަދޭޝަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ބަންގްލަދޭޝްގެ ނޫސް އެޖެންސީއެއް ކަމަށްވާ ޔުނައިޓެޑް ނިއުސް އޮފް ބަންގްލަދޭޝް (ޔޫއެންބީ) އިން އެ ގައުމުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޑާކާއަށް ވަޑައިގަންނަވާނީ ޑިސެންބަރު 13 ވަނަ ދުވަހުއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ފުރާވަޑައިގަންނަވާނީ ޑިސެންބަރު 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ އެންމެ ފަހުގެ ތައްޔާރީތަކާއި އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއާއި ބަންގްލަދޭޝްގެ އޮފިޝަލުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ޔޫއެންބީން ބުނެފައިވެއެވެ. ބަންގްލަދޭޝްގެ ޓައިމްސް އޮފް ބަންގްލަދޭޝް (ޓީއޯބީ) ނޫހުން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާއާއި އިރުދެކުނު އޭޝިއާ ސަރަހައްދުގައި އެ ގައުމާ އެންމެ ގާތް ދެ ބައިވެރިން ކަމަށްވާ ރާއްޖެއާއި މެލޭޝިއާއާއެކު އޮންނަ ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ޑާކާއިން ދަނީ ތައްޔާރުވަމުންނެވެ. ރައީސް މުއިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވާއިރު މެލޭޝިއާގެ ބޮޑުވަޒީރުވެސް ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް މުއިއްޒާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާނާ ދެމެދު ވަރަށް ގާތް ސިޔާސީ ގުޅުމެއް އޮންނަ ކަމަށެވެ. އެގޮތުން، ބަންގްލަދޭޝް ސަރުކާރުން އެރުވި ދައުވަތު ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާފައިވާ ކަމަށާއި، މިފަދަ ދަތުރުފުޅުތަކުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ އިސްވެރިންގެ ފެންވަރުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މިނިސްޓްރީގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރާއްޖެއާއި މެލޭޝިއާއާއެކު ބަންގްލަދޭޝުން ދަމަހައްޓަމުންދާ ވަރުގަދަ ސިޔާސީ ގުޅުން ކުރިއަށް އޮތް ދަތުރުފުޅުތަކުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ 1 ލައްކައަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރަމުންދާތީ، ދެކުނު އޭޝިއާ ސަރަހައްދުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެ ގައުމުން ރާއްޖެ ދެކޭ ކަމަށް ޓީއޯބީން ރިޕޯޓުކޮށްފައި ވެއެވެ. އެހެންކަމުން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެ މީހުންގެ ލާބައާއި މަންފާ ކަށަވަރުކުރުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމަކީ ރާއްޖެއާއެކު ބާއްވާ މަތީ ފަންތީގެ މަޝްވަރާތަކުގައި ޑާކާއިން އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަން ކަމަށް އެ ނޫހުން ބުނެފައިވެއެވެ. މީގެ އިތުރުން، ސަރަހައްދީ ހަމަޖެހުމާއި އެއްބާރުލުން ދެމެހެއްޓުމަކީވެސް އެ ގައުމުން އިސްކަންދޭ ކަމެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެ ގައުމުގެ އިގުތިސާދީ ގުޅުންތަކަށް ބަލާއިރު، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ރޮނގުން ރާއްޖެއިން ބަންގްލަދޭޝަށް ފަހި ފުރުސަތުތަކެއް ލިބެމުންދާ ކަމަށް ޔޫއެންބީން ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ކޮށްދޭ ހިދުމަތްތަކަށް ދިވެހި ސަރުކާރުން ތާރީފުކޮށްފައިވާ ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބަންގްލަދޭޝް އަށް ވަޑައިގަންނަވާނީ ޑިސެންބަރު 7 އިން 8 އަށެވެ. މިއީ ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭރު ގައުމެއްގެ އެންމެ އިސްވެރިޔަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކަމަށާއި، އެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ބެލެވެނީ މިދިޔަ ޖޫން މަހު ދެ ގައުމުގެ ދެމެދުގައި ބޭއްވި ސަމިޓުގެ ނިންމުންތައް ތަންފީޒުކުރުމަށް ކަމަށް ޓީއޯބީން ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މަތީ ފަންތީގެ މި ބައްދަލުވުންތައް މެދުވެރިކޮށް ރާއްޖެއާއި މެލޭޝިއާއާއެކު އޮންނަ ގުޅުން އިތުރަށް ފުޅާކުރުމަށް އެ ގައުމުން ބޭނުންވެއެވެ. މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ އިގުތިސާދީ އެއްބާރުލުން އިތުރުކުރުމާއި، ބޭރުގައި މަސައްކަތްކުރާ އެ ގައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ބޮޑުވަޒީރު ތާރިގު ރަހްމާނުގެ ސަރުކާރުން ސަރަހައްދީ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖެ އަދި މެލޭޝިއާގެ ލީޑަރުންނާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމަށް ބެލެވޭ ކަމަށް ޓީއޯބީން ބުނެފައިވެއެވެ. މެލޭޝިއާއަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިން އެންމެ ގިނައިން ދާ އެއް ގައުމު ކަމަށްވާއިރު، އެއީ އިންވެސްޓްމަންޓުގެ މުހިންމު މަސްދަރެއްގެ އިތުރުން ހަކަތައާއި، ބަނދަރުތަކާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިންވެސް މުހިންމު ބައިވެރިއެއް ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރާ ދެމެދު އޮތް ގާތް ގުޅުން ފެށިގެން އައީ މިއަހަރުގެ ކުރީކޮޅުގައެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު ޑާކާގައި ބޭއްވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިސްވެ އޮތް އާ ސަރުކާރާއި ބޮޑުވަޒީރު ތާރިގު ރަހްމާން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަނެއްކޮޅުން، ބޮޑުވަޒީރު ތާރިގު ރަހްމާން މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިދިޔަ އެޕްރީލް މަހު ދެއްވި ދައުވަތަކަށް ޖޫން މަހު ވަނީ ކުއާލަލަމްޕޫރަށް ވަޑައިގެންފައެވެ. ޔޫއެންބީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދަތުރުފުޅުގައި ދެ ބޭފުޅުން ވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓާއި، ހަކަތައާއި، އިންސާނީ ވަސީލަތާއި، ހަލާލު އިގުތިސާދާއި، ދަނޑުވެރިކަމާއި، ތައުލީމާއި، ދިފާއީ ކަންކަމާއި، ޑިޖިޓަލް އިގުތިސާދާއި، ސެމީކޮންޑަކްޓަރު އަދި އުމްރާނީ ތަރައްގީގެ އިތުރުން ރޮހިންޔާ މައްސަލައާއި ސަރަހައްދީ އެއްބާރުލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވީ މިދިޔަ ޖޫން މަހުން ފެށިގެން މެލޭޝިއާގެ ވަޒީފާގެ ބާޒާރު ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އަލުން ހުޅުވެމުންދާއިރު، އެހެނިހެން ދާއިރާތަކުންވެސް ކުރިއެރުންތައް ފެންނަމުންދާ ކަމަށެވެ. އަދި ބަނދަރުތަކާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި، މެލޭޝިއާގެ ދައުލަތުގެ ހަކަތަ ކުންފުނި ޕެޓްރޯނަސް މެދުވެރިކޮށް ދިގު މުއްދަތަކަށް ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެތެރެކުރުމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކުރަމުންދާ ކަމަށް ޓީއޯބީން ބުނެފައިވެއެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ އޮކްޓޫބަރު 4 ގައި އަންވަރު އިބްރާހީމް ޑާކާއަށް ވަޑައިގެން އޭރުގެ ޗީފް އެޑްވައިޒަރު ޕްރޮފެސަރު މުހައްމަދު ޔޫނުސްއާއެކު މަޝްވަރާކުރައްވާފައިވާއިރު، 2025 ވަނަ އަހަރު ޔޫނުސް ވެސް މެލޭޝިއާއަށް ދަތުރުފުޅެއް ކުރެއްވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.