މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުން ފާސްވުމަށްޓަކައި ކޮންޓްރޯލްޑް އެސެސްމަންޓްތަކުން 50 ޕަސެންޓު ފާސްވާންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހަދައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން"ގެ އުސޫލަށް އިސްލާހުތަކެއް ގެނެސްފައިވާއިރު މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ހިންގުމަށް ކުރިން ހުއްދަ ދީފައިވާ ކޯސްތައް ކުރިއަށް ގެންދިޔުމުގައިވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ވަނީ ހިމަނާފައެވެ. އެގޮތުން ޕްރޮގްރާމްގެ ކޮންމެ މޮޑިއުލެއް ނުވަތަ ޔުނިޓަކަށް އެސެސްމަންޓަށް ބޭނުންވާ މިންގަނޑުތައް ސާފުކޮށްދީފައި ހުރުމާއި ދަރިވަރުގެ ގާބިލުކަން ވަޒަންކުރެވޭނެއެވެ. އަދި މަދުވެގެން އަމިއްލަ އެއް މަސައްކަތް، ލިޔުމުން ނުވަތަ އެހެން ގޮތަކުން، ދަރިވަރުން އުފައްދަން ޖެހޭނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މާސްޓާޒް ކޯސްތަކުގެ ރިސާޗް ފިޔަވައި ހުރިހާ ކޯހެއްގައި މަދުވެގެން 50 ޕަސެންޓު ސުޕަަވައިޒްކޮށް، ވަގުތު ކަނޑައަޅައި، ކޮންޓްރޯލްކުރެވޭ އެސެސްމަންޓް ހާލަތްތަކެއް އިމްތިހާން ތަކުގައި ހިމަނަން ޖެހޭނެކަމަށެވެ. އަދި އެސެސްމަންޓުގެ 50 ޕަސެންޓަކީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ހަދާ އެއްޗަކަށްވާންޖެހޭކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އޯޕަން ބުކް ޓެސްޓުތައް ހެދުމަށް ވަގުތެއް ކަނޑައަޅަން ޖެހޭއިރު އިސްލާހު ގެނައި އުސޫލުގައި ވަނީ އެސެސްމަންޓްތަކުގައި ހިމެނިދާނެ ބައިތައްވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެސެސްމަންޓުތައް ތައްޔާރުކުރުމުގައި ތިންވަނަ މީހެއްގެ އެހީތެރިކަން ނުވަތަ ބައިވެރިވުން މަދުކުރުމަށް، އެއްވެސް މޮޑިއުލަކުން ހުރިހާ އެސެސްމަންޓެއް ގޭގައި ހެދުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ބަޔާންކޮށްފައެވެ.

އެހެންމީހުން ލައްވާ އެސެސްމަންޓު ހެދުމުގެ މައްސަލަ ބޮޑުވެފައިވާއިރު، 2021 ގައި އަމަލު ކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައިވަނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފިނަމަ 5000 ރުފިޔާއިން އެ ދަރިވަރަކު ޖޫރިމަނާ ކުރެވޭނެކަމަށެވެ. އަދި އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާއިންއިން ޖޫރިމަނާ ކުރާނެކަމަށެވެ.