ފޮރިން އެކްސްޗޭންޖްގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މި ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލުމާއި ގުޅިގެން، ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ އެމްއެމްއޭ އިން ޑޮލަރު މާރުކުރުމުގައި ލުއިތަކެއް ދިން ކަމަށް ބުނެފައެވެ. މި ހަބަރާއި ގުޅިގެން އެމްއެމްއޭ އިން ބުނީ ކަމުގެ އަސްލު އޮޅޭ ގޮތަށް ބައެއް ނޫސްތަކުން ހަބަރު ފަތުރާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ މިހާރު ހިޔާލު ހޯދަން ހުޅުވާލާފައިވާ ބިލުގެ މައިގަނޑު މަގުސަދަކީ، އޮކްޓޯބަރު 1، 2024 ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި މިހާރު އެކި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މި ބިލު ފޮނުވައިފައި ވާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމުރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އެހެންކަމުން، މިހާރު އެކުލަވައިލެވިފައިވާ ބޭރު ފައިސާއާބެހޭ ބިލަށް ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު ވަނީ ޑިސެންބަރު 1، 2024ގެ 14:00އާ ހަމައަށް ހުޅުވައިލާފައި ވާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ޑްރާފްޓުކޮށްފައިވާ ބިލުގައި ޑޮލަރު މާރުކުރުމުގައި ރިސޯޓުތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ ބިލުގައި ވަނީ ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތަކެއް ހިމަނައިފައެވެ. އޭގެ ތެރޭގައި:

1- ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން

2- އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން

3- އެ ޓޫރިޒަމް އެސްޓަބްލިޝްމެންޓްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ ފަރާތްތައް

މިހާރު އެކުލަވާލާފައިވާ ބިލުގައި ހިމެނޭ އިތުރު ބަދަލުތަކުގެ ތެރޭގައި:

1- ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުފައިސާ އިން މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް ފިޔަވައި، ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ހިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެއެވެ.

2- އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުންޖެހެއެވެ. އަދި އެ އާމްދަނީގެ 25 ޕަސެންޓަށް ވާ ފައިސާ މާރުކުރަން ޖެހޭނެއެވެ.

3- 50 ކޮޓަރިއަށް ވުރެ މަދުން ނުވަތަ ގިނައިން ހުރި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފައެވެ. ކުރިން އެމްއެމްއޭ އިން އާންމުކުރި ބޭރު ފައިސާގެ ގަވާއިދުގައި އޮތް ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ސަފާރިތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 މާރުކުރަން ޖެހޭނެއެވެ. ނަމަވެސް އާންމުންގެ ހިޔާލު ހޯދުމަށް ރޭ ހުޅުވާލި ބިލުގެ ޑްރާފްޓުގައި ރަށްރަށުގައި ހިންގާ ހޮޓާތަކާއި ސަފާރީތައް ވަނީ 500 ޑޮލަރު މާރުކުރަން ޖެހޭ އޭ ކެޓަގަރީގެ ތަންތަނުން، 25 ޑޮލަރު މާރުކުރަން ޖެހޭ ބީ ކެޓަގަރީއަށް ބަދަލުކޮށްފަ އެވެ.

4- ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް މި ބިލުން އިސްތިސްނާވާނެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ޑިޕޮސިޓް ކުރުމަށް، އަލަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި ގަވައިދުގެ ދަށުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ވަނީ ހިމަނާފައެވެ.

ކުރިން އާންމު ކުރި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސްޓް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ގަވައިދުގައިވަނީ ލާޒިމްކޮށްފައެވެ. ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހަނީ 25 ޑޮލަރެވެ. އެމްއެމްއޭއިން ވަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން މި ގަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ގާއިމުކުރުންކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ވަނި ފާހަގަކޮށްފައެވެ.