އިޒްރޭލު ޕާސްޕޯޓް މަނާކުރުމާމެދު ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުނަގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށާއި އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން އެ ގައުމަށް ލިބޭނީ ކޮން ފައިދާއެއްތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރަބި އެހެން ގައުމުތަކާ ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގެ އިތުރުން ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފަޔާ މަޝްވަރާ މިކަމުގައި ހޯދަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ފަލާހް ފާހަގަ ކުރެއްވީ އިޒްރޭލުގައި ވެސް ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުންދާ ކަމެވެ.
ފަލާހް ވިދާޅުވީ މި މައްސަލައަކީ އަވަސް އަރުވާލައިގެން ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ދިރާސާކޮށް މަޝްވަރާ ކުރުމަށްފަހު ނޫނީ މި މައްސަލައެއް ގޮތެއް ނުނިންމޭނެ ކަމަށެވެ.
މި މައްސަލައަކީ އެމްޑީޕީ މެޖޯރިޓީ އޮތް ނިމިދިޔަ މަޖިލީހުގައި ހުށަހެޅިފައި އޮތް މައްސަލައެއް ކަމަށާއި އެ މެންބަރުންނަށް ވަގުތު އޮވެ، މި މައްސަލަ ނުނިންމާ ދިޔައީ ކޮންމެސް ސަބަބުތަކެއް ހުރުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ފަލާހް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް އިމިގްރޭޝަނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ނިންމައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ދަނީ އެ މަސައްކަތް ކުރަމުންނެވެ.