އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ. އަދި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލް އަކީ ތަފާތު އެކި ދާއިރާތަކުގެ މަސައްކަތުގެ ފުރުސަތުތައް އޮތް ތަނެއް ކަމަށާއި ގިނަ މަސައްކަތްތަކަކީ ހާއްސަ ހުނަރު ބޭނުންވާ ދާއިރާތަކެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަކީ ކުންފުންޏަށް ބޭނުންޖެހިފަ އޮންނަ ކަމަކަށްވާއިރު، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް ބޭނުންވާ ހުނަރުވެރި މީހުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ. އަދި އެކަޑަމިކް ސަނަދު ހާސިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބުންވެސް އެއީ މުހިންމު ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިނާއި، މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ، ވިލާ ރިސޯޓްސް، އަދި ޔުނިވާސަލް ރިސޯޓްސް ގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ފުރުސަތުތަކާއި ބޭހޭގޮތުން އާންމުން ހޭލުންކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މިއަހަރުތެރޭގައި އެމްއޭސީއެލް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، އެމްއޭސީއެލް ކެރިއާ 2024 ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެއާރތަކެއް ކުރިއަށް ގެންދާއިރު، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދާލަން ކެރިއާ އެކްސްޕޯ" ގައި އެމްއޭސީއެލް އިން ވަނީ ބައިވެރިވެފައެވެ.