ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ (ޑޮލަރުގެ) ވަކި ޕަސެންޓެއް ބޭންކްތަކަށް މާރުކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ ޕްރޮގްރާމްއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ސަރުކާރަށް ޑޮލަރު ވަންނަ އަދަދު އިތުރުކުރުމަށްޓަކައި ރައީސް ސޯލިހްގެ ވެރިކަމުގައި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއެކު މަޝްވަރާތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 2 ހުށަހެޅުމެއް ހުށަހެޅުއްވިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ (ޑޮލަރުގެ) ވަކި ޕަސެންޓެއް ބޭންކްތަކަށް މާރުކުރުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި 30، 20، 15 ޕަސެންޓް މާރުކުރަން ހުށަހެޅުއްވި ކަމަށާއި އެންމެ ފަހުން ހުށަހެޅުއްވީ 10 ޕަސެންޓް މާރުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2 ވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ ރެވެނިއުގެ ގޮތުގައި ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް (30 ޕަސެންޓް) ރާއްޖޭގެ ބޭންކްތަކުގައި ވަކި މުއްދަތަކަށް (3 މަސް ދުވަހަށް) ބަހައްޓަދިނުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ވެރިކަން ނިމުމަކަށް އައިއިރު މި 2 ހުށަހެޅުމާމެދު ވަކި ގޮތެއް ނިންމިފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގައި ދައުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިހާރު ތައްޔާރުކޮށް ނެރެފައި އޮތް ގަވާއިދަކީ އެންމެ އެކަށޭނެ ރަނގަޅު އުސޫލުކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަހަލަ ކަމެއް ނިންމަން ވާނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެ ފަރާތްތަކަށް ލިބޭ އާމްދަނީއާ ކުރަންޖެހޭ ހަރަދުތަކަށް ރިއާޔަތްކޮށް، ދިރާސާކުރުމަށްފަހު ޑޮލަރުގެ ވަކި ޕަސެންޓެއް ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތަށް ބަދަލު ގެނައުމަކީ ޓޫރިޒަމް ސެކްޓާގެ އެއްވެސް ބޭފުޅަކު ދެކޮޅެއް ހަދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭރު ފައިސާގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ.
މި އިސްލާހާއެކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރުން އެ ގަވާއިދުގެ ދަށުން ވަނީ ލާޒިމުކޮށްފައެވެ.
މިހާރު އެ ނިންނިމިފައިވާ އާ ގަވާއިދުގައިވާ ގޮތުން އެއީ 10% އަށް ވުރެވެސް ކުޑަ އެއްޗެއް. ދެން ބޮޑާހާކަންވީ ކީއްވެ؟