ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތާރަފްކުރި ހިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކޮށްފިއެވެ.

ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް، އައިސީޔޫ، އެންއައިސީޔޫ އަދި ސީއެސްޑީ ހިދުމަތްތައް ބައްލަވާލައްވާ އެތަން ހުޅުއްވައިދެއްވާފައެވެ.

މި ހިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތާރަފް ކުރި ހިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ވެސް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިން ލައިސަންސްވެސް ވަނީ އެ ހޮސްޕިޓަލާ ހަވާލު ކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އަލަށް ގާއިމުކުރި 14 އެނދުގެ އައިސީޔޫއާއެކު ނިއޯނޭޓަލް ވެންޓިލޭޓަރުތަކާއި، އިންކިއުބޭޓާތަކުގެ އިތުރުން ފޮޓޯ ތެރަޕީ ޔުނިޓުތައްވެސް ހުންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކްރިޓިކަލް ކޮންޑިޝަންތަކުގައި ތިބޭ ބަލިމީހުންނަށް ވަގުތުން ފަރުވާދެވި ފުރާނައަށް ކުރިމަތިވާ ނުރައްކާތައް ކުޑަ ކުރެވިގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހިދުމަތްތަކާއެކު ހާލުބޮޑުވާ ބަލިމީހުންނަށް އެހެން ހޮސްޕިޓަލުތަކަށް ރިފާ ކުރަން ޖެހޭ ރިފާކުރުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެއިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި 4 އޮޕަރޭޝަން ތިއޭޓަރުވެސް ގާއިމުކޮށްފައިވާކަމަށާއި، މި ތިއޭޓާ ކޮމްޕްލެކްސްގައި ކަށީގެ ހާއްސަ ތިއޭޓަރަކާއި، ލޮލުގެ ހާއްސަ ތިއޭޓަރެއްގެ އިތުރުން އަންހެނުންގެ ހާއްސަ ތިއޭޓަރަކާއި ޖެނެރަލް ސާޖަރީތަކަށް ހާއްސަ ތިއޭޓަރެއްވެސް ހުންނާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.