މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއެކު ރާއްޖޭގެ އިގްތިސޯދީ ދެމެހެއްޓިނިވިކަން އިތުރުކުރުމަށް ދަ ނޭޗާ ކޮންސަވެންސީ (ޓީއެންސީ) އާއެކު ފަހުމު ނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ކުރިއަށްދާ އދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް ކޮޕް 29ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓަރު މިސް މެލިސާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ، ޓީއެންސީއާއެކު ގާމްކުރާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި އަދި ފާހަގަތި މުސްތަގްބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުން ހުރި ހައްލުތަކަށް ދެމެހެއްތެނިވި ފައިނޭންސް ހޯދުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ކާބަން ފައިނޭންސިން އާއި ކޮންވަޒޭޝަން ޓްރަސްޓް ފަންޑުތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް މާލީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއެކު އިގްތިސޯދު ކުރިއެރުވުމާ ގުޅޭ ގޮތުން މޫސާ ޒަމީރު ވާހަކަ ދެއްކެވިއެވެ.

މި ފަހުމުނާމާގެ ދަށުން ލިބޭ މާލީ އެހީ ހޭދަކުރަން ހަމަޖެހިފައި ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށާއި، ރަށްރަށުގެ އިގްތިސޯދު ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ރާއްޖޭގެ މެދުރާސްތާފެ މެކްރޯ ފިސްކަލް ސްޓެބިލިޓީއާއި ދަރަނި ދެމެހެއްޓެނިވިކަން ކަށާވަރު ކުރުމަށް ވެސް ބާރު ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

1951 ވަނަ އަހަަރު އުފެދުނު ޓީއެންސީ އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން 70 އަށް ވުރެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ ގައުމތަކާ އެކުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ގެބޮން، ބެލީޒް، ބާބަޑޮސް އަދި ސީޝެލްސް ހިމެނެއެވެ.