ނޫސްވެރިންގެ ހައްގުތައް ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ސަރުކާރަށް މެޖޯރިޓީ ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓުކުރަން އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. މި ބިލް ހުށަހަޅުއްވާފައި ވަނީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ.
އެ ބިލާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމަށް ސަރުކާރުގެ ވިސްނުން ހުރިކަމަށް ބަންޑާރަ ނައިބު ހާމަކޮށްފައި ވަނިކޮށް މި ބިލު އަމިއްލަ މެންބަރެއް ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ.
އަދި މިއީ މީޑިއާގެ މިނިވަންކަން ކަފުން ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެއް ކަމަށް ބުނެ އެމްޑީޕީން ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.
ހަމައެހެންމެ, މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދަތަކަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމަށް ހުރަސް އަޅައި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ހިމަނާފައިވާ މާއްދާތަކެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ މީޑިއާތަކުން ކަމަށާއި މީޑިއާތަކުގެ މިނިވަންކަން ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ގާނޫނަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސް މީޑިއާތަކަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައި ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީން މިފަދައިން ބަޔާނެއް ނެރެފައިވާއިރު އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އެ ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށް އެ އެސޯސިއޭޝަނުން ބުނީ، ބިލް ހުށަހެޅި މެމްބަރާއި ސަރުކާރުގެ ފަރާތުން ވެސް އެ ބިލް އެކުލަވާލުމުގައި އެމްޖޭއޭ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައި ނުވާ ކަމަށެވެ.
ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް. އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒު ވަން ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވޭ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެ ބައި އޮންނަންވާނީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށާއި އެއީ ބިލު ހުށަހެޅުއްވި މެންބަރުގެ އަމިއްލަ ހިޔާލު ކަމަށާއި އޭގައި ހުރި ކަންކަމާ ގުޅޭ ގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކުލުމަކީ ސަރުކާރުން ވެސް ތާއީދު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ބިލުގައި އެ ހުރި ކަންކަމަށް ސީދާ އެއްޗެއް ވިދާޅުވެވޭނީ ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.