އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އަޅަން ނިންމާ މަސްތުވާތަކެތީގެ ފަރުވާ ރަށްރަށަށް ފުޅާ ކުރަން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށާއި، މިއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭކަމެއް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށް ފަރުވާ ފަށާނެކަމަށް ވިދާޅުވެ ލުބްނާ ވަނީ ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސްވެސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭހަކީ އަގު ބޮޑު ބޭހެއް ނަމަވެސް އެއީ ދުނިޔޭގައިވެސް ދެވޭ އެންމެ ރަނގަޅު ބޭސް ކަމަށް ލުބްނާ ވަނީ ވިދާޅުވެފައެވެ.
ޑިޓޮކްސިފިކޭޝަނަށް ބޭހަކީ މަސްތުވާތަކެތީގެ ފަރުވާ ނަގަމުން ދާ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކާއި ވޭން ކަނޑުވައިދިނުމަށް ބޭނުންކުރާ ބޭހެކެވެ.
ލުބްނާ އިތުރަށް ވިދާޅުވީ ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށާއި، ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ތިބެގެން ފަރުވާ ފޯރުކޮށްދޭ މީހުންވެސް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހޮސްޕިޓަލުގައި މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ ގޮތް ހެދުމަށް އެންޑީއޭ އިން ހޯމް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަން ލުބްނާ ފާހަގަކުރެއްވިއެވެ. އަދި ހެލްތް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކަށް ފަހު ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މަސްތުވާތަކެތީގެ އައުޓް ޕޭޝަންޓު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުއްދަ ލިބިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ތެރެއިން މީގެ ކުރިން މެތަޑޯންގެ ފަރުވާ ލިބެނީ މާލޭގައި އެކަނި ކަމަށާއި ނަމަވެސް މިހާރު ހުޅުމާލޭގައި ވެސް އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހި ކުރިޔަށްދާ ކަމަށް ލުބުނާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، ވޭތުވެ ދިޔަ އެކި އަހަރުތަކުގެ ރެކޯޑުތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ރާއްޖޭގައި ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަމުންވެސް އެގިގެންދަނީ 'ދޮން ބަފާ"ގެ ހެޔޮކަމެވެ.