އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އާންމުން ހިމެނޭހެން 1200 މީހަކު މަރާލައި 251 މީހަކު ރަހީނު ކުރުމާއެކު ފެށުނު ހަނގުރާމައިގައި މިހާތަނަށް 782 މީހަކު މަރުވެއްޖެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

ހަނގުރާމައިގައި މަރުވި މީހުންގެ ނަންތަކާއި އަދި ބައެއް މީހުންގެ ފޮޓޯތަކާއެކު އިޒްރޭލުގެ މީޑިއާތަކުގައި އާންމުކޮށް ބުނެފައި ވަނީ، ގިނަ މީހުން މަރުވީ ގާޒާ ސްޓްރިޕް އާއި އިޒްރޭލާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި ބަދަލުކުރި ހަމަލާތަކުގައި ކަމަށެވެ. އެ ގޮތުން ބޯޑަރު ސަރަހަައްދުގައި 304 މީހަކު މަރުވި އިރު ގާޒާގެ ތެރެއަށް އިޒްރޭލުން ވަދެގަނެ ހަމަލާ ދެމުން ދަނިކޮށް ހަމާސްގެ މުޖާހިދުން ދިން ރައްދު ހަމަލާތަކުގައި 368 މީހަކު މަރުވެފައި ވާކަމަށެވެ. މީގެ އިތުރުން ގާޒާގެ ބޯޑަރުގައި މުޖާހިދުންނާ ކުތިމަތިލަނިކޮށް 58 މީހަކު މަރާލާފައި ވާ ކަމަށާއި ރަހީނުން މިނިވަން ކުރަން އުޅުމުގެ ތެރޭގައާއި ހުޅަނގު އައްސޭރި އަދި އެހެން ބައެއް ސަރަހައްދުތަކުން މުޖާހިދުން ދިން ހަމަލާތަކުގައި މަރުވި ސިފައިންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ސިފައިންގެ އިތުރުން މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލު ފުލުހުންގެ 68 މީހަކު މަރުވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ލުބުނާނުގެ ހިޒްބުއްލޯ އިން އިޒްރޭލުގެ އުތުރަށް އަމާޒުކޮށް ދެމުން ގެންޑ ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާ އަމާޒުވެ މިހާތަނަށް 28 ސިފައިންނާއި ސެކިއުރިޓީ އޮފިސަރެއްގެ އިތުރުން އެއްގަމު މަގުން ލުބުނާނަށް އަރައިގެން އުޅެނިކޮށް 36 މީހަކު މަރުވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ ސިފައިންނަށް ހަމަލާ އަމާޒުވާ ސަރަހައްދުތަކުގެ ތެރޭގައި ގާޒާ އާއި ލުބުނާނުގެ އިތުރުން ޔަމަނާއި އީރާގު އަދި ސީރިއާވެސް ހިމެނެއެވެ. އެގޮތުން އީރާގުން ފޮނުވާލި ޑްރޯނެއް އަމާޒުވެ އިޒްރޭލު ސިފައިންގެ ދެ މީހަކު މަރިވެފައި ވާ ކަމަށް އެ ތާނގެ ނޫސްތަކުން ބުނެއެވެ.

ހަމާސް އާއި ހިޒްބުއްލޯ އަދި އެހެނިހެން ދިމަދިމާއިން އިޒްރޭލަށް އަމާޒުވި ހަމަލާތަކުގައި މަރުވި މީހުންގެ ލިސްޓުގައި ކާނަލުންނާއި ލެފްޓިނެންޓް ކާނަލުންނާއި، ރިޓަޔާޑް މޭޖަރުންނާއި، ކެޕްޓަނުން، ވޮރަންޓް އޮފިސަރުން، ސާޖެންޓުން އަދި އެއަށް ވުރެ ދަށުގެ ރޭންކްގެ ސިފައިންވެސް ހިމެނެއެވެ.