މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ އިއްޔެ ވަކިކުރުމަށް ފަހު، ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާ އިއާދަކޮށްދީފިއެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ މުސްތަފާގެ ވަޒީފާ އިއާދަކުރުމަށް ނިންމީ ޕީއެސްއެމްގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި އެ ކުންފުނީގެ ބޯޑަށް އޭނާ ހުށަހެޅުއްވުމުން ބޯޑުން ރިވިއުކުރުމަށް ފަހު ކަމަށެވެ.

"އިއްޔެގަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގަ ބަލަން ޖެހޭ ބައެއް ކަހަލަ ކަންތައްތަކަށް ރިއާޔަތް ނުކުރެވި ހުރީމާ އާ މައުލޫމާތުތަކެއް ލިބުމުން އެ މައުލޫމާތުތައް ބޯޑުގަ ހުށަހެޅި ބޯޑުގަ ޑިސްކަސް ކުރެވުމަށް ފަހު ނިންމާފަ ވަނީ،" މުސްތަފާގެ ވަޒީފާ އިއާދަކުރަން ނިންމި ސަބަބާ މެދު ސުވާލުކުރުމުން ޔާމީން ވިދާޅުވިއެވެ.

ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ފުރުއްވަމުން ގެންދެވި މުސްތަފާ އެ ކުންފުނިން އިއްޔެ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ވަކިކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ 11 ވަނަ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ބުނުމަށް ފަހުގައެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ޕީއެސްއެމުން ބުނީ ނޫސްވެރިންގެ 11 ވަނަ އެވޯޑު ހަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް މީޑިއާ ކައުންސިލުން ދައްކާފައިވާ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ:

  • އެވޯޑު ދޭ ކެޓަގަރީތަކާއި އެވޯޑުތަކަށް ހޮވުނު ނޫސްވެރިންނާއި ލިބުނު ނޫސްވެރިން މީޑިއާ ކައުންސިލަށް އެނގޭނެ ކަމަށް
  • ޕީއެސްއެމުން ވަގުތުން ދައްކާ ހަފްލާތަކުގައި އަޅުވާ ވީޑިއޯތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލް ޕޮލިސީ އަށް ފެތޭ ތަކެއްޗަށް ވާން ޖެހޭނެ ކަމަށް
  • ޕީއެސްއެމަށް އެންގުމެއް ނެތި ހަފްލާގެ ތެރޭގައި އެ ވީޑިއޯ ދެއްކުމަކީ 'ގަސްދުގައި ދުރާލާ ރާވައިގެން' މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް

މިކަމުގެ ސަބަބުން ރައްޔިތުން ޕީއެސްއެމަށް ކުރަމުންދާ އިތުބާރު ގެއްލި، އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.

އެހެންކަމުން އެކަން ކުށްވެރިކޮށް މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް، އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.