ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މަސައްކަތްކުރައްވާ މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ އެ ކުންފުނިން ވަކިކޮށްފިއެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ، ޒިންމާދާރު މަގާމެއްގައި ހުރި މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ސީދާ މުސްތަފާކަން ވިދާޅެއް ނުވެއެވެ.

ނަމަވެސް 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެސްއެމުން ވަކިކުރީ ނިއުސް އޮޕަރޭޝަން މެނޭޖަރުގެ ގޮތުގައި ހުންނެވި މުސްތަފާއެވެ. އޭނާ ވަކިކުރީ ރޭ ބޭއްވި ނޫސްވެރިންގެ 11 ވަނަ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ބުނުމަށް ފަހު ކަމަށް އެނގިފައިވެއެވެ.

މުސްތަފާ ވަނީ 30 އަހަރު ވަންދެން ދައުލަތުގެ މީޑިއާ އަށް ހިދުމަތްކުރައްވައިފައެވެ.

މިއަދު ނެރުނު ބަޔާނެއްގައި ޕީއެސްއެމުން ބުނީ، ނޫސްވެރިންގެ 11 ވަނަ އެވޯޑު ހަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް މީޑިއާ ކައުންސިލުން ދައްކާފައިވާ ކަމަށެވެ.

ޕީއެސްއެމުން އިތުރަށް ބުނީ:

  • އެވޯޑު ދޭ ކެޓަގަރީތަކާއި އެވޯޑުތަކަށް ހޮވުނު ނޫސްވެރިންނާއި ލިބުނު ނޫސްވެރިން މީޑިއާ ކައުންސިލަށް އެނގޭނެ ކަމަށް
  • ޕީއެސްއެމުން ވަގުތުން ދައްކާ ހަފްލާތަކުގައި އަޅުވާ ވީޑިއޯތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލް ޕޮލިސީ އަށް ފެތޭ ތަކެއްޗަށް ވާން ޖެހޭނެ ކަމަށް
  • ޕީއެސްއެމަށް އެންގުމެއް ނެތި ހަފްލާގެ ތެރޭގައި އެ ވީޑިއޯ ދެއްކުމަކީ 'ގަސްދުގައި ދުރާލާ ރާވައިގެން' މީޑިއާ ކައުންސިލުން ކުރި ކަމެއް ކަމަށް

މިކަމުގެ ސަބަބުން ރައްޔިތުން ޕީއެސްއެމަށް ކުރަމުންދާ އިތުބާރު ގެއްލި، އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.

އެހެންކަމުން އެކަން ކުށްވެރިކޮށް މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް، ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.