އަމީނީ މަގުން ސައިކަލު ދުއްވާފައި ދިޔަ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ 22:00 ހާއިރު އަމީނީ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއްގެ ގައިގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
"އެ މީހާ ގައިގައި ޖަހާފައި ވަނީ އިތުރު ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖުގައި ވެއެވެ. އަދި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި 8 މަސްދުވަހު އެފަދަ މައްސަލަތަކުގައި 67 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ޖުމްލަ 12،253 މީހުންނާ ސުވާލުކޮށްފައިވާއިރު އޭގެ ތެރޭގައި ތެރޭގައި 18 އަހަރުން މަތީގެ 2583 މީހުންނާއި 18 އަހަރުން ދަށުގެ މީހުން ހިމެނެއެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ 331 ކުޑަކުއްޖަކާ ސުވާލުކޮށްފައިވާއިރު އެ ކުދިންނާ 2014 ފަހަރު ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގޭންގް ކުށްތަކަކީ މި ކުޑަ މުޖްތަމައުގައި މިހާރު އިތުރުވަމުންދާ މައްސަލަތަކަކަށްވާއިރު އެފަދަ ކުއްތައް ހުއްޓުވުމަށް ދާދިފަހުން ވަނީ ހަރުކަށި ބިލެއް ޑްރާފްޓުކޮށް، އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުމެވެ. މި ބިލު ފަރުމާކޮށްފައިވަނީ މި ބިލު ގާނޫނަކަށްވުމާއެކު މިހާރު އަމަލުކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނު 18/2010 އުވޭ ގޮތަށެވެ.