ސްކޭމްކޮށްގެން މީހެއްގެ ބޭންކް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، ކާކުކަން ނޭނގޭ ފަރާތަކުން މީހަކަށް ފޯނުން ގުޅައިގެން އޯޓީޕީ (ވަން-ޓައިމް ޕާސްވޯޑް) ހޯދުމަށްފަހު، އެ ކޯޑު ބޭނުންކޮށްގެން އެ މީހާގެ ބޭންކް އެކައުންޓަށް އެކްސެސް ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މަކަރާއި ހީލަތުން އެ އެކައުންޓުން 63,000 ދިވެހި ރުފިޔާއާއި، 21,000 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
- އިބްރާހީމް ޝާރިފް (34އ)، ގޯލްޑަންގޭޓް، ޏ. ފުވައްމުލައް، ދޫޑިގަން
- ޖިނާހު އަހްމަދު (29އ)، މަތަރެސްމާގެ، ފ. ފީއަލި
- އިބްރާހީމް މުއާޒު (38އ)، ނަޒުމު، ފ. ނިލަންދޫ
- އަލީ ދާއިން (21އ)، ލިލީނައިޓް، ލ. ގަން، މަތިމަރަދޫ
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުއެވެ. އަދި ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޖިނާޙު އަހްމަދުގެ ބަންދަށް 10 ދުވަސް، އަދި ދެން ތިބި ތިން މީހުން ކަމަށްވާ އިބްރާހީމް ޝާރިފާއި، އިބްރާހީމް މުއާޒު އަދި އަލީ ދާއިންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
