ދައުލަތަށް ހިޔާނަތްތެރިވެފައިވާ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ގަދަކަމުން ވެސް ފައިސާތައް ހޯދަންޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އޭސީސީގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބިލަށް ބަހުސްކުރައްވަމުން އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ދަމުން ދަމުން ގޮސް ކުރީ ސަރުކާރާއި އޭގެ ކުރީ ސަރުކާރުގައި ވެސް ބިލިއަން ޑޮލަރުގެ ފައިސާތައް ވީނުވީއެއް ނޭނގި ގެއްލިގެން ދިޔަތަން ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި އޭސީސީ އިން ކޮށްފައިވާ ކަމެއް ނުފެންނަކަން ފާހަގަކޮށް އިބްރާހިމް ދީދީ ވިދާޅުވީ ރާއްޖޭގައި ޖިނާއީ ކުށްތައް ތަހުގީގުކުރަން އޮންނަނީ ފުލުހުންގެ މުއައްސަސާ ކަމަށާއި ނަމަވެސް ބައެއް ކަހަލަ މައްސަލަތައް ފުލުހުންނަށް ތަހުގީގުކުރެެވެން ނޮއޮންނަކަމަށެވެ.
ރާއްޖޭގައި ޖިނާއީ ހުރިހާ ކުށްތަކެއް ފުލުހުންގެ މުއައްސަސާއިން ތަހުގީގުކުރެވެން ޖެހޭނެކަން ފާހަގަކޮށް އިބްރާހީމް ދީދީ ވަނީ ރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އޭސީސީގައި އުޅޭ ހަވަރަކަށް މީހުންނަށް ހައްލުކުރެވޭނެތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. ދައުލަތަށް ހިޔާނަތްތެރިވެފައިވާ ފަރާތްތައް މަަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ފުރިހަމައަށް އެކަންކަން ތަހުގީގުކުރަން ޖެހޭކަން ފާހަގަކޮށް އިބްރާހިމް ދީދީ ވިދާޅުވީ އެއީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި ހިޔާނާތުގެ ފައިސާ ގަދަކަމުންވެސް ހޯދަންޖެހޭ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް މިކަންކަން ނުވާނަމަ އެ ފަރާތްތައްވެސް ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭނެކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހީމްދީދީ ވިދާޅުވީ ގައުމުގެ މައްސަލަތައް ހައްލުކުރަން ބޭނުންވާނަމަ ރައީސް ގައުމު ހިންގުމަށް ފަސޭހަވާނެހެން ބޭނުންވާ މީހުން ކޮމިޝަންތަކަށް ލައިގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.