ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މިއަދު ޔޫތް ފޯ ޔުނިޓީއެއް އިން "އުންމަތް ފަލަސްތީނާއެކު" ނަމުގައި ހާއްސަ ހަރަކާތެއް މާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

ޔޫތް ފޯ ޔުނިޓީ އިން ބުނީ، މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ.

މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް އާޓިފިޝަލް ބީޗުގައި ވަނީ އާއިލީ ހަވީރެއްގެ ގޮތުގައި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ހަރަކާތްތަކެއް ހިމަނައިގެން އިވެންޓް ކުރިއަށް ގެންގޮސްފައެވެ. ހަވީރު ކުރިއަށް ގެންދިޔަ އާއިލީ ހަވީރުގެ އިވެންޓްގައި، ކުޑަކުދިންނާ ގުޅޭ އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަމަޖައްސާފައި ހުރި އިރު، ފަލަސްތީނަށް އެހީވުމަށް ފަންޑް ރެއިސް ކުރުމާއި ފޮޓޯ ބޫތެއް ވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މައުލޫމާތު ފޯރުކޮށް ދިނުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޒުވާނުންގެ ގިނަ ޖަމިއްޔާތަކެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މިރޭ 8:00 އިން 9:00 އަށް ވަނީ ހިނގާލުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުން ސޯޝަލް ސެންޓަރު ކައިރިން ފެށި އިރު، މަޖީދި މަގުން ގޮސް މި ހިނގާލުން ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗަށެވެ.

މި ހިނގާލުމުގައި ހާއްސަކޮށް ޒުވާނުން ބައިވެރިވެފައިވާ އިރު، ހިނގާލުމުގެ ބައިވެރިން ތިބީ "އުންމަތް ފަލަސްތީނާއެކު" ޖަހާފައިވާ ހުދު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އަދި ނިތް ކުރީގައި ހުދު ފޮތިކޮޅެއް އައްސާފައިވާ އިރު ހިނގާލުމުގެ ބައިވެރިން ތިބީ ހުދު ކުލައިގެ ދިދަ އާއި ބެނާތަކެއް ހިފައިގެންނެވެ.

އެ ބެނާތަކުގައި ފަލަސްތީނާއެކު ދިވެހިން ތިބި ކަމަށާއި ފަލަސްތީނަށް އެހީވުމަށް ގޮވާލައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފް ހޯދައި ދިނުމަށާއި، ދެމުންދާ އަނިޔާތަކާއި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި މެސެޖުތައް ލިޔެފައި ވެއެވެ.

މި ހިނގާލުން ކުރިއަށް ދިޔަ އިރު، ހިނގާލުމުގެ ބައިވެރިންނާއެކު ފުލުހުން އެ ސަރަހައްދުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. މަގުގެ ޓްރެފިކް ބެލެހެއްޓުމަށާއި އަމަންއަމާން ކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައި ވެއެވެ.

އެއަށް ފަހު ދެން މި ހަރަކާތުގެ ދަށުން މިރޭ ކުރިއަށް ދަނީ ދަރުސް ދިނުމެވެ.