ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްރުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް އެދި ހުށަހަޅާ އިރު، ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ނިންމާފައިވާއިރު، މި ނިންމުމަށް އެއްބާރުލުން ދިނުމަށް އޭނާގެ މުސާރައިން 50 ޕަސެންޓު ނުނަގަން ނިންމީ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ނިންމަވާފައިވަނީ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައެވެ. އެގޮތުން މުސާރައާ ގުޅޭ ގޮތުން އަޅާ ފިޔަވަޅަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މުސާރައަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ނިންމާފައިވާ އިރު، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އުނިކުރަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައަޅަން ވެސް ވަނީ ނިންމާފައެވެ. މިހާރު 100،000 ރުފިޔާއަށް ވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބެއެވެ.

މުސާރަ އުނިކުރަން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 12،000 ރުފިޔާ އިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.