ރިސޯޓު ހަދަން ހުއްދަ ދޫކުރި ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާ 22 ރަށެއްގެ އެއްބަސްވުމާމެދު ގޮތެއް ނިންމުމަށް އޭޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމް މިނިސްޓަރު، ފައިސަލް ހާޒިރުކޮށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހދ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ނުހިނގާ 58 ރަށެއްވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އޭގެތެރެއިން އެންމެ ގިނަ ރަށްތައް ހިމެނެނީ ހދ. އަތޮޅުގައި ކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ އޭގެތެރޭގައި 15 އަހަރާއި 20 އަހަރު އަދި 30 އަަހަރުވެފައިވާ ރަށްތައްވެސް ހިމެނޭ ކަމަށެވެ.
އެގޮތުން ރަށްތައް ނަގާފައި ތިބި ފަރާތްތައް ހާޒިރުކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހުރި ހުރަސްތައް ސާފުކޮށް އެކަން ހައްލުކުރުމަށް އިކޮނޮމިކް ކައުންސިލުން ކަރުދާހެއް މިހާރު އެކުލަވާލާފައިވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، 22 ރަށެއްގައި އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާތީ، އެއްބަސްވުން ބާތިލް ކުރުމަށް އެޓާނީ ޖެނަރަލް އަހުމަދު އުޝާމްގެ ލަފަޔަކަށް އެދިފައިވާ ކަމަށާއި އެ ބޭފުޅާގެ ލަފަޔެއް ލިބުނުހާ އަވަހަށް އެކަމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރުމުން ކޯޓަށް ގޮސް އެކަށީގެންނުވާ ބަދަލުތަކެއް މީގެ ކުރިން ހޯދާފައިވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަން ހައްލުކުރުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމާ އެ އިސްލާހުތައް ވަރަށް އަވަހަށް މަޖިޅިހަށް ހުށަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.