ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ނަތީޖާ ނެރެދެއްވި ކަމަށާއި، މަގާމުގައި ހުންނަވައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރު ހޯއްދެވި ކަމަށް، ފައިސަލްގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި، ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ ވުޒާރާ ވަގުތީގޮތުން ހިންގުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކުރައްވާފައިވެއެވެ. ނަމަވެސް ފައިސަލް ވަކިކުރި ސަބަބެއް ރައީސް އޮފީހުން އަދި ހާމަ ނުކުރެއެވެ.

ފައިސަލާ މެދު ފަހުރުވެރިވާ ކަން ހާމަކުރައްވައި 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ވަޒީރުކަމުގައި ހުންނަވައި ފައިސަލް މަސައްކަތްކުރެއްވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށާއި، އެ މަގާމުގައި ހުންނަވައި ފައިސަލް ނަތީޖާ ނެރެދެއްވައި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރާއި ލޯބި ހޯއްދެވި ކަމަށެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ފައިސަލް މިނިސްޓަރުކަމުން ވަކިކުރައްވަންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއާއެކު، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ އާއި ރައީސާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް އަބްދުއްރަހީމް އެއްބަސްވެވަޑައިގެންފައިވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން ފަށާފައިވާ ކަމުގެ ހަބަރުތަކެއް ފެތުރުނެވެ. ނަމަވެސް 'ދަ ޕްރެސް' އިން ސުވާލުކުރުމުން ޕީއެންސީގެ ނައިބު ރައީސް އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އަބްދުއްރަހީމް ވަކިކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ.

މިކަމުގައި އަބްދުއްރަހީމާއި ފައިސަލްގެ ބަހެއް ހޯދަން އުޅުމުން ލިބޭގޮތެއް ނުވިއެވެ.