އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރުމަށްޓަކައި ކަމާބެހޭ އެކި ފަރާތްތަކުން މައުލޫމާތު ހޯދުމަށް ވަގުތު ނަގާ ކަމަށާއި، ލަސްތަކެއް ނުވެ އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ގާނޫނަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ގަލޮޅު އުތުރު ދާއިރާގެ އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ އިސްލާހު ޖޫން މަހު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވާލައިފައެވެ. އެކަމަކު އެ އިސްލާހުގެ މަސައްކަތް ކުރިއަށް ނުދެއެވެ. އެކަމާ ގުޅިގެން މިއަދު ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް، ރިޔާސަތުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލީއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ އިތުރުން އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. ހަމަ އެހެންމެ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް އަވަސްކުރުމަށް ވެރިކަންކުރާ ޕީއެންސީން ވެސް ގޮވާލާފައިވެއެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން ވެރިކަންކުރާ ޕީއެންސީގެ ވެސް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދާ ކަމަށާއި އިސްލާހުގެ މަސައްކަތް މަޑުޖެހިފައި ނުވާ ކަމަށެވެ.
"ވާ ގޮތަކީ އެކަމާ ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކުގެ އެކިއެކި މައުލޫމާތުތަކާއި ކަންތައްތައް ހޯދައިގެން ދެއްތޯ މީތި (އިސްލާހުގެ މަސައްކަތް) މި ކުރިއަށް ދަނީ، އެހެންވީމާ ވަގުތު އަދި ނަގާ،" އޭނާ ވިދާޅުވިއެވެ
"ދެން ލަސްނުވެ ހަމަ ކުރިއަށް ދާނެ،"
ފަލާހު އިތުރަށް ވިދާޅުވީ އެފަދަ މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދިއުމަށް ވަގުތު ނަގާ ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާނުކުރާނެ ކޮޅެއް ސަރުކާރުން ވެސް ޕީއެންސީގެ މެންބަރުން ވެސް ނުދައްކަވާނެ ކަމަށާއި، މި އިސްލާހުގެ މަސައްކަތް އަވަސްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންފުޅުވާ ކަމަށެވެ.
ހަމަ އެއާއެކު މިދިޔަ ދައުރުގެ ބައެއް ބިލުތައް އަދިވެސް އެބަހުރި ކޮމިޓީތަކުގައި ޕެންޑިންގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.