އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަވަސްކުރަން، ސަރުކާރު ހިންގާ ޕީއެންސީން އިލްތިމާސްކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވި ފަހުން، އެ ބިލު ކޮމިޓީ މަރުހަލާގައި ޕާކުކޮށްފައިވާއިރު، ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާމެޖޯރިޓީ އޮންނަ ޕީއެންސީ އިން ވަނީ މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވީ އެންމެ އަވަހަކަށް ނިންމައި، މި ކަން ހަގީގަތަކަށް ހެދުން އަވަސް ކުރުމަށްމަޖިލީހަށް އިލްތިމާސްކޮށްފައެވެ.

ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރިން ބަންޑާރަނައިބު އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމި ނަމަވެސް އިޒްރޭލު އެންމެންނަށް ނާދެވޭ ގޮތް ހެދުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަންޖެހޭ ކަމަށެވެ.