އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ކޮމިޓީ މަރުހަލާގައި ދިގުދެމިގެންދާތީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ނިންމަވައިފިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހަޅާފައިވާއިރު މި ބިލަށް ސަރުކާރުންވެސް ވަނީ ތާއިދުކޮށްފައެވެ. އެހެންނަމަވެސް އެ ބިލު ކޮމިޓީ މަރުހަލާގައި ޕާކުކޮށްފައި އޮންތާ ގިނަ ދުވަސްތަކެއްވެފައިވާއިރު މި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމްއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ކުށްވެރިކުރުން ފިޔަވާ ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ހުށަހެޅި މައްސަލަ މަޖިލީހުގެ ތެރޭގައި ހުއްޓުވާފައި އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އެހެންވެ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން ވަނީ ގޮވާލާފައެވެ.

އެހެންނަމަވެސް މަޖިލީހުގެ ރިޔާސަތުން ވަނީ ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ، އެ މައްސަލަ އެ ޖަލްސާއަށް ހުށަހެޅެން ނެތްކަމަށް ވިދާޅުވެފައެވެ.

ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވަނީވެފައެވެ.