ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގަން ފެށި ރިމާންޑް އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 10 ދުވަހުގެ ތެރޭގައި 14 މީހަކު ބަންދުކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފަރުވާގެ ތެރެއަށް ވެއްދުމައްޓަކައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ފުލުހުންގެ ހިދުމަތާ ގުޅިގެން ވަނީ ރިމާންޑް އޮޕަރޭޝަނެއް ފަށާފައެވެ.

މިއަދު އެންޑީއޭ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ޑްރަގް އެންފޯސްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް ނާހިދު ހުސައިން ވިދާޅުވީ، މި އޮޕްރޭޝަންގެ މަގްސަދަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ބަންދުކޮށްގެން ރިމާންޑް ސެންޓަރަކަށް ގެންގޮސްގެން ފަރުވާ ދިނުން ކަމަށެވެ. އެގޮތުން މި ގޮތަށް ބަންދުކޮށް ފަރުވާ ގެންދާ މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި، ވައްކަމާއި ފޭރުމުގައި އުޅޭ އެފަދަ މީހުންނާއި، މިސްކިތްތަކުގައި ނިދާ ހަދައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަަމށް ނާހިދު ވިދާޅުވިއެވެ.

ރިމާންޑް އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 14 މީހަކު ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގައި ބަންދުކޮށްފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އެގޮތުން ބަންދުކޮށްފައިވާ މީހުންނަށް ބަންދުން ނުވީއްލި ފަރުވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ނިހާދު ފާހަގަ ކުރެއްވިއެވެ. މި މަސައްކަތާ އެކު މަގުމަތިން ހެޔޮ ބަދަލުތަކެއް ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ވިދާލުވީ، މަސްތުވާތަކެތީގެ ގާނޫނުގެ 103 ވަނަ މާއްދާއަށް މީގެ ކުރިން އަމަލުކޯށްފައި ނުވާ ކަމަށާއި، މިހާރު އެ މާއްދާއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު، މަސްތުވާތަކެތި ބޭނުން ކުރާ ގިން ފަރާތްތަކަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކެއް ކަމަށް އެންޑީއޭ އިން ބުނެއެވެ. އަދި މިކަމަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ކުރިމަތިވާ އެއް ގޮން ޖެހުން ކަމަށް ވެސް އެންޑީއޭ އިން ފާހަގަ ކުރެއެވެ. ރާއްޛގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމް ބައްޓަން ވެފައި ވަނީ މަސްތުވާތަކެތިން ދުރަށް ދިއުމަށް ދޭން ޖެހޭ ފަރުވާ ދިނުމަށް ކަމަށާއި ނަމަވެސް މިހާރު އެޑިކްޓުންގެ ފަރާތުން ފެންނަ ކަންކަމަށް ބެލުމަށް ފަހު ފުރަތަމަ ޖެހެނީ ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ދޭން ކަމަށް އެންޑީއޭއިން ފާހަގަ ކުރެއެވެ.

މި ވަގުތު ރާއްޖޭގައި ގާއިމްކޮށްފައިވާ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކުގައި 1500 މީހުން ފަރުވާ ހޯދަމުން ދާއިރު، އޭގެ ތެރޭގައި ހިމެނެނީ ސެންޓަރުގައި ތިބެގެން ފަރުވާ ހޯދާ ފަރާތްތަކާއި މުޖުތަމައުގައި ތިބެގެން ފަރުވާ ހޯދާ ފަރާތްތަކުގެ އެތެރެއިން ބޭސް ދީގެން ފަރުވާ ދޭ ފަރާތްތައް ކަމަށް އެންޑީއޭއިން ބުނެއެވެ.

ހަމައެއާއެކު މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކަށް ބަލާއިރު، ރާއްޖޭގައި މިފަދަ ކަމެއް ނުހިނގާ ރަށެއް ނެތް ކަމަށާއި، ކޮންމެ ރަށަކުން ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ފެނިފައިވާ ކަމަށް އެންޑީއޭއިން ބުނެއެވެ. މަސްތުވާތަކެތިން ދުރަށް ދިއުމައްޓަކައި ދޭން ޖެހޭ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގިން މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ.

ފަރުވާގެ ކަންކަން ހަރުދަނާ ކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ފަރުވާއަށް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ލ. ގަން، ކ. ކާށިދޫ އަދި ނ. ވެލިދޫގައި ގާއުމުކޮށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭޣެ ރަށްރަށުގައި ހުންނަ ހޮސްޕިޓަލްތަކުން ވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އައުޓް ޕޭޝަންޓު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.