ސީރިއާއިން ރާއްޖެއަށް ގެނައި 21 ދިވެހިން ކ. ހިންމަފުށީގައި ހުންނަ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި އިތުރު 6 މަސް ދުވަހު ބޭތިއްބުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ގެނައި ފަސް އާއިލާގެ ތެރޭގައި ހިމެނެނީ ޖުމްލަ 21 މީހުންނެވެ. އޭގެތެރޭގައި 15 ކުޑަކުދިންނާއި، 6 ބޮޑެތި މީހުން ހިމެނޭ އިރު، 5 އަންހެނުންނާއި ފިރިހެނަކު ހިމެނެއެވެ. އަދި މި 15 ކުޑަކުދިންގެ ޑީއެންއޭ ހަދައި އެއީ އެ ދިވެހި 5 އަންހެނުންގެ ދަރިން ކަން ވަނީ ކަށަވަރު ކޮށްފައެވެ. އަދި އެމީހުން އަލުން އަނބުރާ މުޖުތަމައުއަށް ގެނައުމުގެ ގޮތުން ރިހެބިލިޓޭޓް ކުރުމަށް ސެންޓަރުގައި ފަރުވާ ދިނުމަށް ވަނީ ނިންމާފައެވެ.

ހޯމް ލޭންޑް މިނިސްޓްރީގެ ސްޕޯކްސްޕާސަން ފާތިމަތު ރިފާތު "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މީހުން އެ ސެންޓަރުގައި ފަރުވާ ދިނުމަށް އޭޢރު ދީފައި ވަނީ ހަ މަސް ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން އިތުރު ހަ މަސް ދުވަހުގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ނިންމި ކަމަށެވެ. އެގޮތުން އެ ނިންމުން ނިންމީ ކުރިން ދިން ހަ މަހުގެ މުއްދަތު ހަމަވުމުން މދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގައި ކަމަށް ރިފާތު ވިދާޅުވިއެވެ.

ސީރިއާއިން ގެނައި މީހުންނަށް ފަރުވާ ދިނުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މީގެ ކުރިން ހޯމް މިނިސްޓްރީން ބުނެފައި ވަނީ، އެ 21 މީހުންގެ މެޑިކަލް އެސެސްމަންޓުން ދައްކާ ގޮތުގައި އެމީހުންގެ ތެރޭގައި ބަލި ހާލަތު ގޯސް މީހެއް ނެތް ކަމަށާއި އާންމު ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް އެމީހުންނަށް ހަދާ ހާއްސަ އެސެސްމަންޓްތަކެއް ހަދާނެ ކަމަށާއި، އެ އެސެސްމަންޓްތަކަކީ ކޮންމެ މީހެއްގެ ވަކިވަކިން ހަދާނެ އެސެސްމަންޓްތަކެއް ކަމެވެ. އެ އެސެސްމަންޓްތަކުގެ ޒަރިއްޔާއިން އެމީހުންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަން ފަރުވާ ދެނެގަނެވި އެ ފަރުވާ ޑިޒައިން ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށް ފަހު އެމީހުންނަކީ ދިވެހި މުޖުތަމައުގައި އާންމު ހާލަތުގައި އުޅެވިދާނެ ބައެއް ކަމަށް ޔަގީން ވުމުން އެމީހުން މުޖުތަމައުއަށް ދޫކޮށްލުމުގެ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ ކުރިން ސީރިއާ އިން ރާއްޖެއަށް ގެނައި އާއިލާއެއް މުޖުތަމައުއަށް ނެރުމަށް ދިން ފަރުވާގެ މުއްދަތަށް އެއް އަހަރާއި އެއް މަސް ދުވަސް ވަނީ ހޭދަވެފައެވެ.