މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މީގެ ކުރިން ގަބޫލު ނުކުރަން ނިންމާފައިވާ ޕީއެޗްޑީ ސެޓްފިކެޓެއް ބަލައިގަންނަން ހައި ކޯޓުން ހުކުމްކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެމްކިއުއޭއިން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް އެމްކިއުއޭއިން ހުށަހެޅީ މިދިޔަ ހަފުތާގައެވެ. ނަމަވެސް މައްސަަލަ ބަލައިގަތުމާ މެދު ސްޕްރީމް ކޯޓުން ވަކި ގޮތެއް އަދި ނުނިންމައެވެ.
ފިލިޕިންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން އެމްކިއުއޭއިން ނިންމިއެވެ.
އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ. މި މީހުންގެ ފަރާތުން ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައި ވަނީ ޕީއެޗްޑީ ސެޓްފިކެޓު ބަލައިގަތުމަށް އެމްކިއުއޭގެ މައްޗަށް އަމުރު ނެރެދިނުމަށެވެ. ނަމަވެސް މި މިއްސަލައިގައި މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމާފައިވަނީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ބުނެއެވެ. ސެޓްފިކެޓު ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށް ނިންމި ނަމަވެސް ސިވިލް ކޯޓުން ވަނީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ނިންމާފައެވެ.
މި މައްސަލައާއި ގުޅިގެން އެމްކިއުއޭއިން އޭރު ބުނީ ރާއްޖެއިން ބޭރުން ހާސިލު ކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ އެ އޮތޯރިޓީއަށް ހުށަހަޅައިގެން އެ އޮތޯރިޓީ ގަބޫލުކޮށް އެކަމަށް ހާއްސަ ތައްގަނޑުޖަހައި ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށެވެ.
މި މައްސަލަ އެ ތިން މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ކުރި ހުކުމުގައިވަނީ ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން އަންނަ ގާނޫނުތަކާއި އުސޫލުތައް އާންމު އުސޫލުން ނުހިންގޭނެ ކަމަށާއި އެހެންކަމުން އެ މީހުން ކިޔެވުން ފުރިހަމަކުރި ފަހުން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށް އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ނުކުރަން އެމްކިއުއޭއަށް ނުނިންމޭނެ ކަމަށެވެ.