ރަޖިސްޓަރީކޮށްފައި ނުވާ ބޭރުގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި ކަމަށް ބުނެ ލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ) އިން އެވިޑު ކޮލެޖަށް ކުރި ތުހުމަތުތައް ދޮގުކޮށްފިއެވެ.

އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކުރި ނަމަވެސް އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައުމުން އެ ކޮލެޖު ވަނީ ދާދިފަހުން ޖޫރިމަނާކޮށްފައެވެ.

އެމްކިއުއޭގެ އެ ތުހުމަތުތަކާ ގުޅިގެން އެވިޑް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރަޖިސްޓަރީނުކުރާ ދަރިވަރުންނަށް ސަނަދު ދިންކަމަށް ބުނެ އެ އޮތޯރިޓީން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމްކިއުއޭއިން އެ ފިޔަވަޅު އެޅީ މައްސަލައާ ގުޅިގެން ކޮލެޖާ އެއްވެސް ސުވާލެއް ކުރުމެއް ނެތި އަދި މައުލޫމާތު ހިއްސާކުރުމެއް ވެސް ނެތި ކަމަށް އެވިޑް ކޮލެޖުން ވަނީ ފާހަގަކޮށްފައެވެ.

https://www.facebook.com/story.php?story_fbid=1445070647665124&id=100064866063698&mibextid=wwXIfr&rdid=64NwHo6miBMUZyRj#

މީގެ އިތުރުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަހުން ބޭރުގެ އެއްވެސް މުއައްސަސާއަކާ ގުޅިގެން އެއްވެސް ކޯހެއް އެ ކޮލެޖުން ހިންގާފައެއް ނުވާނެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، އެމްކިއުއޭގެ މި ނިންމުމަކީ ފުރިހަމަ ތަހުގީގަކާ ނުލައި، ކަން ހިނގާފައިވާ ގޮތް ރަނގަޅަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި އެއީ އެ ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް އެމްކިއުއޭއިން ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށް އެ ސިފަކޮށްފައި ވެއެވެ. މީގެ އިތުރުންވެސް ކޮލެޖުގެ ރީތި ނަން ކިލަނބުކޮށްލުމަށް ހިންގާފައިވާ އަދާލަތުގެ އަމަލުތަކާ ހިލާފު އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްކިއުއޭގެ ތުހުމަތުތައް ދޮގުކޮށް އެ ކޮލެޖުން މިއަދު ބަޔާނެއް ނެރެފައިވާއިރު އެ މައްސަލައިގައި އެވިޑް ކޮލެޖުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް 2022 ވަނަ އަހަރުވެސް ފެންމަތިވެފައި ވެއެވެ. އެ މައްސަލައާއި ގުޅިގެން އޭރު އެ ކޮލެޖުން ބުނީ އެމްކިއުއޭއިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިޝްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށެވެ.