މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފިލްމު އެވޯޑްސް އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެމްއެސްޕީއޭ އިން ބުނީ މި އެވޯޑަކީ ރާއްޖޭގައި އުފައްދާ ދިވެހި ފިލްމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރުދީ އެ ފަރާތްތައް ކުރިއެރުވުމާ އަދި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމާއި ވާދަވެރި މާހައުލެއްގައި މޮޅު އުފެއްދުންތަކެއް އުފެއްދުމަށް ހިތްވަރު ދިނުމަށް ތައާރަފުކުރާ ފިލްމު އެވޯޑެއް ކަމަށެވެ.

އެމްއެސްޕީއޭގެ ފިލްމު އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2018 ވަނަ އަހަރުގެ ޖަނުއަރީ މަހުން ފެށިގެން 2023 އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗާ ފިލްމުތަކަށެވެ. މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެވޯޑު ހަފްލާ ބާއްވާނީ ފެސްޓިވަލަކާއެކު ކަމަށްވެސް އެމްއެސްޕީ އިން ބުނެއެވެ. ޖުމްލަ 29 ކެޓަގަރީ އަކުން މި އެވޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލެވިފައެވެ.

އެމްއެސްޕީއޭ އަކީ ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރި، މުހައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުރެގެން ހިންގާ ޖަމިއްޔާއެކެވެ.