އުމުރުން 40 އަހަރުން މަތީގެ ދިވެހި އަންހެނުން އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަންނަން އަވަހަށް މެމޯގްރާމް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ އަހަރީ ފަސްވަނަ ސިމްފޯޒިއަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރަށް ޓެސްޓްކުރެވެނީ 40 އަހަރުގެ މަތީގެ އަންހެނުންނަށްކަމަށާއި އެހެންކަމުން ހުރިހާ ދިވެހި އަންހެނުން މެމޯގްރާމެއް ހެއްދުމަށް އެކަމަނާ ގޮވާލައްވާ ކަމަށެވެ.

ކެންސަރު ބައްޔަށް މިހާރުވެސް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން ދާކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ މި ބައްޔަށް އާންމުން ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މިހާރަށް ވުރެވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ. މި ބައްޔަށް އެންމެ އަވަހަށް ފަރުވާ ހޯދޭނީ ވީ އެންމެ އަވަހަކަށް ބައްޔަށް ޓެސްޓު ކޮށްގެން ކަމަށް ވިދާޅުވެ މެޑަމް ސާޖިދާ ވަނީ އުރަމަތީގެ ކެންސަރަށް ދެވޭ އެކި ފަރުވާތައް ރާއްޖޭގައި ވެސް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ ގިނަ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ލިބެން ހުރިކަމަށާއި، މޯގްރާމް ހެދުމަށް މިހާރު ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހި އައިޖީއެމްއެޗް އިންވެސް މެމޯގްރާމް ހެއްދޭ ކަމަށް ވިދާޅުވެފައެވެ.

ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަސް ފާހަގަ ކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ. ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ވަނީ ޕިންކް ރިބަން ރަން ވޯކް އެއް ބާއްވާފައެވެ.

މި ހަރަކާތަކީ 2016 އިން ފެށިގެން ކެންސާ ސޮސައިޓީން ބާއްވަމުން ގެންދާ ހިނގާލުމެކެވެ.