އަހަންނަށް އެ ހަބަރު ވެގެން ދިޔައީ ގަބޫލު ކުރަން ދަތި ހަބަރަކަށެވެ. ބަނޑުގައި ރިއްސާ އަދި ބައެއް ފަހަރު ޕީރިއަޑް ދުވަސްވަރު ނޫނަސް ލޭ އަންނަނީއެވެ. އެކަމަކު އެއީ އިންފެކްޝަނެއް ކަމަށް ހީކޮށް ޑޮކްޓަރަށް ނުދައްކާ އަހަރެއް ވަންދެން ހުރީމެވެ. އިތުރު ގޮތެއް ނެތިގެން ޑޮކްޓަރަށް ދެއްކުމުން އަހަންނަށް ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހިފައިވާކަން އިނގުނެވެ. ދިރިއުޅުން އެކީއެކައްޗަކަށް ހުއްޓުނު ހިސާބަކީ އެއީއެވެ. މިއީ އުމުރުން އެންމެ 27 އަހަރުގައި ކެންސަރާ ހަނގުރާމަ ކުރަން ޖެހުނު އެމެރިކާއަށް އުފަން ލިލީގެ ވާހަކައެވެ. މިއަދު މިހާލަތާއި ކުރިމަތި ލަމުންދާ އެތައް ބަޔަކު އެބަތިއްބެވެ. ކުޑަ ކަމެއް ކަމަށް ނިންމައިގެން ހުރި ކަންތައް ވީ ބޮޑު ސިއްހީ މައްސަލައަކަށެވެ.
މިއީ ދިވެހި އަންހެނުންނަށް ވެސް ގިނައިން ޖެހޭ ކެންސަރެއް!
އެޗްޕީވީ އިންފޮމޭޝަން ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި 15 އަހަރުން މަތީގެ 144،226 އަންހެނުންނަށް ސާވިކަލް ކެންސަރު ޖެހުމުގެ ނުރައްކާ އޮވެއެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއިން 46 އަންހެނުންނަށް މި ބަލި ޖެހެއެވެ. އަދި އެ ބަލީގައި އަހަރެއްގެ މައްޗަށް 24 ދިވެހީން މަރުވެއެވެ. އެ ތަފާސް ހިސާބުތައް ބުނާގޮތުން 15 އަހަރާއި 44 އަހަރާ ދެމެދުގެ ދިވެހި އަންހެނުންގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ މި ކެންސަރެވެ.
ކެންސަރަށް ހާއްސަ ދިވެހި ހަމައެކަނި ޑޮކްޓަރު، މުހައްމަދު އަމްރު ވިދާޅުވާގޮތުގައި ސާވިކަލް ކެންސަރަކީ ދިވެހި އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން ހަތަރު ވަނައަށް އެންމެ އާއްމު ކެންސަރެވެ.
ހިއުމަން ޕެޕޯލިއާ ވަރިއަސް ނުވަތަ އެޗްޕީވީގެ ސަބަބުން ޖެހޭ މި ބައްޔަށް އެޗްޕީވީ ވެކްސިން މިހާރު ދެވެއެވެ. ޅަ އުމުރުގައި ދެވޭ މި ވެކްސިންގެ މުހިންމުކަން މިވަރުންވެސް އިނގޭނެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ވައިރަހަކީ ޖިންސީ ގުޅުމުގެ ސަބަބުން އުފެދޭ ވައިރަހެކެވެ. ޅައުމުރުގައި (އުމުރުން 18 އަހަރުން ދަށް) ޖިންސީގުޅުން ހިންގަން ފެށުމާއި އުމުރުން 17 އަހަރުވުމުގެ ކުރިން ދަރިއެއް ލިބުމަކީ ވެސް ސާވިކަލް ކެންސަރަށް މަގުފަހި ކުރުވާ ކަމެކެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މާހައުލެއްގައި އުޅުމުންވެސް މިކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ދޭތެރެ ދުރުކުރާ ބޭސް 10 އަހަރަށް ވުރެން ގިނަ މުއްދަތަކަށް ބޭނުން ކުރުމަކީ ވެސް މި ކެންސަރަށް މަގުފަހިވާ ކަމެކެވެ.
މި ކެންސަރާ ގުޅޭގޮތުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވިއަން ނާސިންގް އެސޯސިއޭޝަނާއި ޔޫއެންއެފްޕީއޭ ގުޅިގެން ވަނީ ދިރާސާއެއް ހަދައިފައެވެ. ދިވެހި އަންހެނުން މެދުވެރިކޮށް ހެދި އެ ދިރާސާގައި މި ކެންސަރަށް މަގުފަހިވާ ކަންތައްތަކެއް ރާއްޖެއިން ވެސް ފާހަގަ ކުރިއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ޅައުމުރުގައި ކައިވެނިކުރުމާއި ޅަދަރިމައިވުމުގެ އިތުރުން، ދިރާސާގައި ބައިވެރިވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ފިރިންނަކީ އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނި ކޮށްފައިވާ މީހުންކަން ފާހަގަ ކުރިއެވެ.
ސާވިކަލް ކެންސަރު އެކަންޏެއް ނޫން، އުރަމަތީ ކެންސަރުގެ ބިރުވެސް އެހާ ބޮޑު!
އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އޮވެއެވެ. އުރަމަތީގެ ކެންސަރަކީ އަންހެނުންނަށް ޖެހޭ އެންމެ އާންމު އެއް ކެންސަރެވެ. ޑަބްލިއުއެޗްއޯ ގެ ދިރާސާތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ދުނިޔޭގައި 2.1 މިލިއަން މީހުން ވަނީ އަލަށް އުރަމަތީގެ ކެންސަރަށް ޑައިގްނޯސް ވެފަ އެވެ. އަދި 627،000 މީހުން ވަނީ މިބަލީ ގައި މަރުވެފައެވެ.
2018 ވަނަ އަހަރު ދިވެހިންގެ ތެރެއިން ދެނެގަނެވުނު ކެންސަރުގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރު ނުވަތަ ބްރެސްޓް ކެންސަރެވެ. 2019 ވަނަ އަހަރު އައިޖީއެމްއެޗް ގައި 52 މީހުން ވަނީ އުރަމަތީގެ ކެންސަރަށް އޮޕަރޭޝަން ކޮށް އިތުރު ފަރުވާ ހޯދާފައެވެ. 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 34 މީހުން ވަނީ އަލަށް ޑައިގްނޯސް ކުރެވި ފަރުވާއަށް ހުށަހެޅި ފައެވެ.
އަންހެނުންނަށް ޖެހޭ އެންމެ އާންމު އެއް ކެންސަރު ކަމަށްވާ އުރަމަތީގެ ކެންސަރު ޖެހުމުގެ އަލާމާތްތައް ދެނެގަތުން މުހިންމެވެ. އެގޮތުން:
- އުރަމަތީ ތަންކޮޅެއް ގަނޑުވެފައި ހުރުން
- އުރަމަތި ހޫނުވުން
- އުރަމަތިން ލޭއައުން
- އެއް ދިމާއެއްގައި ދާއިމީ ތަދެއް ހުރުން
- އުރަމަތީ ސައިޒަށް ބަދަލު އައުން ހިމެނެއެވެ.
އެންމެ ބުއްދިވެރިގޮތަކީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކާ ކެންސަރަށް ސްކޭން ކުރުމެވެ. މީގެ އިތުރުން ގަވައިދުން ކަސްރަތު ކުރުމާއި، ފައިދާ ހުރި ކާނާ ކެއުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުންވެސް މުހިންމެވެ. ދިރިއުޅުމުގެ ވައްޓަފާޅިތަކާ ވެސް ވަރަށް ބޮޑަށް ގުޅުން އޮންނަ މިފަދަ ކަންކަމަކީ ކޮންމެ މީހަކުވެސް އެކަމާ މެދު ވިސްނަން ޖެހޭ ކަންކަމެވެ.