ކެންސަރަށް ފަރުވާ ހޯދަމުންދާ ސ. ފޭދޫ، ސީމާ ފާތިމަތު ޝާމިލާ ޝާކިރު އަށް އެހީތެރިވެ ދެއްވާނެ ކަމަށް އެންސްޕާގެ މެނޭޖިން ޑިރެކްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އުރަމަތީގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ޝާމިލާގެ ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ހުރުމަށާއި ކައިބޮއި ހެދުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަވާއިރު، އެފަދަ މާލީ ތަނަވަސްކަމެއް ނެތުމުން އޭނާ ވަނީ އެހީ ހޯދުމަށް ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓް ހީނާގެ ސަމާލުކަމަށް އައިސްފައިވާ އިރު ޝާމިލާއަށް ފޯނުން ގުޅުއްވާ ހާލު އޮޅުންފިލުއްވައި ފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޝާމިލާ ބޭނުންވާ ގޮތް އޮޅުން ފިލުއްވައި ޝާމިލާ ބޭނުންވާ ގޮތަށް ފަރުވާ ކުރިއަށް ގެންދިއުމުގައި ދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާއި އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ. އަދި ކޮންމެ މީހެއްގެ ވެސް އަޑުއައްސަވާނެ ކަމަށާއި ކޮށްދެވެން ހުރި ކަންކަން ކޮށްދެއްވުމަށް އިސްކަންދެއްވައި، އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެންސްޕާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހީނާ އަކީވެސް ކެންސަރަށް ފަރުވާ ހޯއްދަވާ ބޭފުޅެކެވެ.

ޝާމިލާއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުނީ އޭނާގެ މޭމައްޗަށް މި އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު ކުއްލި ތަދެއް އެރުމުން ޑޮކްޓަރަކަށް ދައްކާ ހެދި ޓެސްޓްތަކުން ކަމަށް ބުނެއެވެ.