ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ބީއެމްއެލް ގުޅިގެން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ބީއެމްއެލްއިން ބުނީ ސީއެސްއެމް އާއި ބީއެމްއެލް ގުޅިގެން ބާއްވާ އެ ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށާއި އެ ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯ (ހުޅުމާލެ) އިން ކަމަށެވެ. އަދި އޭގެ އިތުރުން ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި އަދި ކެންސަރު ސްކްރީނިން ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.

އެ ހަރަކާތަށް މީގެ ކުރިންވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިދިޔަ އަހަރުވެސް އެ ވޯކް ބާއްވާފައިވާއިރު މިދިޔަ އަހަރު ވަނީ ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި އެ ހަރަކާތް ބާއްވާފައެވެ.