އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓުތައް ދުއްވުމުގެ ތަމްރީން ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ފުރުސަތު ނުދޭ ސަބަބު ހާމަ ނުކުރަން އެދި ޑިފެންސް މިނިސްޓްރީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސް އެ މައުލޫމާތު ހާމަކުރަން ނިންމައިފިއެވެ.
ރާއްޖޭގައި ދުއްވާ ޑޯނިއާ އޮޕަރޭޓް ކޮށް ދުއްވަމުން އައީ އިންޑިއާ ސިފައިން ކަމަށް ވީ އިރު، އަދި ވެސް އެކަމަށް ތަމްރީން ކުރި ދިވެހި ސިފައިން އެ މަތިންދާ ބޯޓު ދުއްވަން ނުދޭ ސަބަބު އޮޅުން ފިލުވުމަށް 'މިހާރު' ނޫހުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.
މި މައުލޫމާތު ހިއްސާ ނުކުރުމަށް ޑިފެންސް މިނިސްޓްރީ އިން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާއާ ހަވާލާދީއެވެ. އެގޮތުން އެ މާއްދާގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތު ސިއްރު ކުރުމުގެ ފުރުސަތު އޮތުމުން އެ މައުލޫމާތު ހިއްސާ ނުކުރަން ނިންމީ ކަމަށް ޑިފެންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ހައި ކޯޓަށް ހުށަހެޅި މި މައްސަލަ އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އަންގަވާފައެވެ.
ރާއްޖޭގައި ދުއްވާ ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ތަމްރީން ކުރުމަށް ދިވެހި ދެ ސިފައިން ތަމްރީންކޮށްފައި ވަނީ 2021 ވަނަ އަހަރުގައެވެ. އެއީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ. އޭގެ އިތުރުން ފަސް ޕައިލެޓެއް އަސްކަރީ އުޅަނދުތައް ދުއްވަން ތަމްރީނުކޮށް ހަތަރު ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.
މި ތަމްރީންތައް ދިވެހި ސިފައިން ފުރިހަމަ ކުރި ނަމަވެސް ދިވެހި ސިފައިން އެ ބޯޓުތައް އޮޕަރޭޓް ނުކުރާ ކަން ވަނީ ފާހަގަވެފައެވެ. މީގެ ކުރިން ވެސް މި ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ނޮވެމްބަރު 9، 2021 ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އަސްކަރީ ޑޯނިއާ އެއާކްރާފްޓްގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޕައިލެޓުން އުޑުމައްޗަށް އެރި ތާރީހީ ވަގުތުކޮޅެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ޕައިލެޓް ތަމްރީން ހެދި ދިވެހި ސިފައިން އޮޕަރޭޓް ނުކޮށް އޮތުމުން އެކަމަށް އެމްއެންޑީއެފުން ވަނީ ޖަވާބު ދިނުމަށް އިންކާރުކޮށްފައެވެ.
ރާއްޖޭގައި ދުއްވާ ޑޯނިއާ ފްލައިޓް އޮޕަރޭޓް ކުރަނީ އިންޑިއާއިންނެވެ. އިންޑިއާއިން މި ފްލައިޓްތައް އޮޕަރޭޓް ކުރާ ގޮތަށް އޮތީ ރާއްޖޭގެ އެމްއެންޑީއެފް ޕައިލަޓެއް ތަމްރީނު ވަންދެންނެވެ.