ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތާރަފްކޮށް އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ހޯދައިދެނީ ހަމައެކަނި އެމްޑީޕީ އިން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފެރެންސަށް ފުރާވަޑައިގަންނަވަމުން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ކޮންފެރެންސަކީ ރިޔާސީ އިންތިހާބަށް ފަހު މިފަދަ ބޮޑު ހަރަކާތެއް އެ ޕާޓީ އިން ބާއްވާ ފުރަތަމަ ފަހަރެވެ.
މި ކޮންފެރެންސްގައި ހއ، ހދ އަދި ށ. އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުންނާއެކު ޖުމުލަ 80 މީހުން ބައިވެރިވެއެވެ. މީގެއިތުރުން މި ކޮންފެރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް މެމްބަރުންނާއި މާލޭ މޭޔަރު އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ކޮންފެރެންސް ބޭއްވުމުގެ މަގުސަދަކީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކު ކޮށްލަން މަސައްކަތް ކުރާތީ ކަމަށާއި، އެ ކޮންފަރެންސްގައި އިގުރާރުވާ ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށެވެ.
ލާމަރުކަޒު ކުރުމަކީ އެއްވެސް އިރެއްގައި ޕީޕީއެމް ޕީއެންސީގެ ފިކުރު ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ކައުންސިލްތައް ބެލެހެއްޓުމަށް ވަކިން މިނިސްޓްރީއެއް އުފެއްދީ، މަރުކަޒު ކުރުމުގެ ވިސްނުމުގައި ކަމަށާއި ގާނޫނުތަކަށް ބަދަލު ގެންނަމުން ދަނީ ވެސް ލާމަރުކަޒީ ވިސްނުމާ ފުށުއަރާ ގޮތަށް ކަމަށެވެ.
މީގެއިތުރުން ފައްޔާޒު ވަނީ މިފަދަ ކޮންފަރެންސްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ތިޔަ ޝާހިދު މެންވެސް ކުރީ ހުސް ވައްކަން...ގޯތި ގެދޮރުން ވެސް ކުރީ ހުސް ވައްކަން..ތިއެންމެން ހައްޔަރު ކުރަންޖެހޭ.