މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަމުގައި ސްކޭމް ކޯލްތަކެެއް ކުރާކަމަށާއި އެކަމަށް އެންމެހާ ރައްޔިތުން ސަމާލުވުމަށް ޝަކީލް އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ އޭނާގެ ފަރާތުން ކަމަށް ބުނެ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކު 7610117 ނަންބަރުން އެކި ފަރާތްތަކަަށް ގުޅާ ފައިސާ ހޯދަމުން ދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޝަކީލް ވަނީ އޭނާގެ ނަމުގައި އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް އެދިވަޑައިގެންފައެވެ. ޝަކީލް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ސްކޭމްގެ އެކިއެކި މައްސަލަަތައް އިތުރުވަމުން ދާއިރު ފާއިތުވި 8 މަސް ދުވަހު ވެސް އެފަދަ މައްސަލަތަކުން ގެއްލިފައިވާ 13 މިލިއަންގެ ތެރެއިން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ދާދިި ފަހުން މައުލޫމާތު ދީފައެވެ.

އޭގެ ތެރޭގައި މީސް މީޑިއާ ހެކްކޮށްގެން ފައިސާ ހޯދާފައިވާ ސްކޭމްތަކާއި، ފައިސާ މާރުކުރާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ސްކޭމްތަކާއި، ރައްޓެއްސެއް ނުވަތަ ރަހްމަތްތެރި އަކަށް ވެގެން ފޯންކޯލް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމްތަކާއި، ސައްހަ ނޫން ސްލިޕް ހަދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ ސްކޭމްތައް ހިމެނެއެވެ.

ފުލުހުން ވަނީ ސްކޭމްގެ ޝިކާރައަކަށް ވަމުންދާ އާންމުން މަދުކުރުމަށް 'ސްކޭމް ސެންޓާ' އެއްވެސް ގާއިމް ކޮށްފައެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން ކަމަށާއި ރާއްޖެއަށް މިހާރު އެޑަޕްޓު ކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމް ކަމަށް ވާއިރު ފުލުހުން ވެސް ދަނީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެކިއެކި މަސައްކަތް ކުރަމުންނެވެ.