ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަސް (ޕަޑީ) އިން ދުނިޔޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ކުރު ފިލްމެއް އުފައްދައިފިއެވެ.

ޕަޑީއިން މި ފިލްމު އުފައްދާފައިވަނީ ޗައިނާގެ މަޝްހޫރު ސެލެބްރިޓީ ވިކްޓާ މާ އާއި ޓައިގާ ޝާކް ރެސިޑެންސްއާ ގުޅިގެން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ އެހީތެރިކަމާ އެކުގައެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ފުވައްމުލަކު ގައި ޝޫޓްކޮށްފައިވާ މި ފިލްމްގެ މަގްސަދަކީ ބަޔޯޑައިވާސިޓީއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ކަނޑުތައް ހިމާޔަތްކުރަން މިހާރުން މިހާރަށް ބޭނުންވެފައިވާ ކަން އަންގައިދިނުން ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖޭގެ ދެކުނަށް އޮންނަ ފުވައްމުލަކަކީ ސާފު މޫދާއި ތަފާތު ކަނޑުގެ ދިރުންތަކަށް ޑައިވަރުންގެ މެދުގައި މަޝްހޫރު ރަށެއްކަމަށެވެ. މި ފިލްމުގެ އެކިއެކި މަންޒަރުތަކުން ރާއްޖޭގެ ކަނޑުގެ ގުދުރަތީ ރީތިކަން ދައްކުވައިދީ، ހިމާޔަތް ކުރުމުގެ މަސައްކަތުގެ މުހިންމުކަން ދައްކުވައިދީފައިވާކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޝޫޓިންގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމުގެ މަންޒަރުތައް ދައްކާލާ، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ދައްކުވާދީފައިވަނެކަމަށް ވަނީ ބުނެފައެވެ. މި ފިލްމުގައި ވިކްޓާ މާ ފެނިގެންދަނީ އިންސާނުންނާއި ކަނޑުއަޑީގެ ދުނިޔެއާ ދެމެދު އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލުމަށް ފެމުނު މިޔަރުތަކާ އެކު ޑައިވް ކުރާ މަންޒަރުތަކުންނެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީން ބުނި މި ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަން އިން ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފޯރުކޮށްދީފައިވާކަމަށެވެ. އަދި ޕްރޮޑަކްޝަން ޓީމަށް އީކުއޭޓާ ކްރޮސިން ސެޓްފިކެޓް ހުށަހަޅައި އިތުރު އެހީތެރިކަން ފޯރުކޮށްދީފައިރު އެމްއެމްޕީއާރްސީން ބުނި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމަށް އެމްއެމްޕީއާރުސީ އާއި މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމަށެވެ.

އިތުރަށް އެމްއެމްޕީއާރްސިން ބުނި މި ޕްރޮޖެކްޓްގައި ވިކްޓާ މާ ގެ ބައިވެރިވުމާއެކު ކަނޑުގެ ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުން، ދުނިޔޭގެ ކަނޑުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި އޮތް ގައުމެއްކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ މި މަސައްކަތްތަކުގައި ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ގާއިމުކުރުމާއި މުރަކަ އާލާކުކުރުމުގެ މަޝްރޫއުތަކާއި ގޮނޑުދޮށް ސާފުކުރުމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުން ހިމެނޭކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ނަލަ މާހައުލު އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކުރުމުގެ މަސައްކަތްތުގައި އެމްއެމްޕީއާރުސީއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ވަނީ ފަހަގަކޮށްފައެވެ.

ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް އުފެއްދި މި ފިލްމުގައި ފެނިގެންދާ ޗައިނާގެ އެކްޓަރު، ލަވަކިޔުންތެރިޔާ އަދި ކިއުރޭޓަރެއް ކަމަށްވާ ވިކްޓާ މާ(28އ) މަޝްހޫރުވެފައިވަނީ 2017 ވަނަ އަހަރުގެ ޓެލެންޓް ޝޯ "ދަ ކަމިން ވަން" ގެ ދެވަނައަށް ދިޔުމުންނެވެ. އޭގެ ފަހުން އޭނާގެ އޮރިޖިނަލް ލަވަތަކާއި ޕާފޯމަންސްތަކާ ބެލުންތެރިންނާ އެކު ހޭދަކުރާ ވަގުތުތަކުގައި ދައްކުވައިދޭ ރިވެތި އަހުލާގުން ގިނަ ބައެއްގެ ތައުރީފު ވަނީ ހޯދާފައެވެ. ޗައިނާގައި 16 މިލިއަނަށް ވުރެ ގިނަ ފޭން ބޭސްއެއް އޮންނަ ވިކްޓާގެ ފިލްމާ ލަވަތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް އެކި ކަންކޮޅުތަކުގައި ފެތުރިފައިވާއިރު، ތިމާވެށީގެ ކަންކަން ކުރިއެރުވުމުގައި އޭނާ އަންނަނީ ނަމޫނާ ދައްކަމުންނެވެ.