މަނީ ޗޭންޖިން ވިޔަފާރި ކުރުމަށް އަލަށް ލައިސަންސް ދޫކުރާނީ 50 ފަރާތަކަށް ކަމަށާއި، ހުށަހަޅާ ފަރާތްތައް އިތުރުވާނަމަ ގުރުއަތަކަށް ދާން ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިހެން ބުނެފައި މި ވަނީ ބޭރު ފައިސާގެ ބާޒާރުގައި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، އަދި އެ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" އަށް އިސްލާހު ގެނެސް ތަސްދީގު ކޮށް މި މަހުގެ 1 ވަނަ ދުވަހު އެ ގާނޫނަށް އަމަލު ކުރަން ފެށުމާ ގުޅިގެންނެވެ. މި ގަވައިދަށް އަމަލުކުރަން ފެށުމާއެކު "މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާޢއިދު (1987)" ވަނީ އުވިފައި ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން އެ އޮތޯރިޓީން ދޫކުރާނެ ދެ ބާވަތެއްގެ ލައިސަންސެއް ހިމެނޭ ކަމަށާއި އެއީ ޓިއާ 1 އަދި ޓިއާ 2 މަނީ ޗޭންޖިން ލައިންސް ކަމަށެވެ.

  • ޓިއާ 1 މަނީ ޗޭންޖިން ލައިސަންސް ދޫކުރެވޭނީ، ގާނޫނު ނަންބަރު 7/2023 (ކުންފުނީގެ ގާނޫނު) ގެ ދަށޫން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ.
  • ޓިއާ 2 މަނީ ޗޭންޖިން ލައިސަންސް ދޫކުރެވޭނީ، ގާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) ގެ ދަށުން ޓޫރިސްޓް ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށެވެ.

މިގަވާއިދުގެ ދަށުން އެމްއެމްއޭއިން ލައިސަންސް ދޫކުރާ ފަރާތްތަކުގެ ޝަރުތުތަކާއި ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންތައްތަކުގެ ތަފްސީލް "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގައި ވަނީ ހިމެނިފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ލިބިގެން ދިވެހިރާއްޖޭގައި މަނީ ޗޭންޖިން ވިޔަފާރި ކުރާ ފަރާތްތަކުން، ލައިސަންސަށް އެދި ހުށަހަޅުމުން އޮތޯރިޓީން ލައިސަންސް ދިނުމާމެދު ވަކި ގޮތެއް ނިންމާ އަންގަންދެން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންދެވިދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް އެފަދަ ފަރާތްތަކުން މި މަހުގެ އެއްވަން ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި، ޓިއާ 1 ނުވަތަ ޓިއާ 2 ލައިސަންސަށް އެދި ހުށަހަޅާފައި ނުވާ ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް، ބާތިލުވާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެގޮތުން މި ލައިސަންސް އާ ކުރުމަށް ހުށަހަޅާނީ މި ލިންކް މެދުވެރިކޮށް ލައިސަންސަށް އެދޭ ފޯމުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ގަވާއިދާ ގުޅިގެން އަލަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 50 ފަރާތަށް ވުރެ އިތުރު ނުވާނެ ގޮތަށް ކަމަށާއި، އަލަށް ލައިސަންސަށް އެދޭ ފަރާތްތައް މިއަދަދަށްވުރެ އިތުރުވާ ނަމަ، ލައިސަންސް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެގޮތުން، އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ ރަސްމީ ގަީގައި އެމްއެމްއޭގެ ނަންބަރު 3012122 އަށް ގުޅުމަށާއި. ނުވަތަ އީމެއިލް މެދުވެރިކޮށް މެއިލް ވެސް ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.