ބޭރު ފައިސާއިން ފަތުރުވެރިކަމަށް ކޮންމެ އަހަރަކު ލިބޭ އާމްދަނީން 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވައިދަށް ބަދަލު ގެނެސްފިއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދު އިސްލާހުކޮށް މިއަދުން ފެށިގެން އެއަށް އަމަލުކުރަން ފެށުމާއެކު އެމްއެމްއޭ އިން މާޗް 1، 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު އުވުނީއެވެ.

އެމްއެމްއޭއިިން ގެޒެޓްކުރި އާ އިސްލާހުގައިވާ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެއެވެ. މި ގަވައިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް، އެމްއެމްއޭއިން ބުނެއެވެ. އެގޮތުން:

  • ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ހޮޓާތަކާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެ
  • ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ވާނެ

އެހެންކަމުގައި ވާ ނަމަ، މިދިޔަ އަހަރު ރާއްޖެ އަށް އައި 1.8 މިލިއަން ފަތުރުވެރިންގެ ތެރެއިން 1.5 މިލިއަން ފަތުރުވެރިން އައީ ރިސޯޓުތަކަށް ކަމަށް ވަންޏާ ރިސޯޓުތަކުން ޑޮލަރު މާރުކޮށްގެން އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެއެވެ.

ރާއްޖޭގައި ކުރާ މުއާމަލާތްތައް ކުރަން ވާނީ ރުފިޔާއިން ކަމަށްވީ ނަމަވެސް މި ގަވައިދުގައި އިސްތިސްނާ ވާ ހާލަތްތަކެއް ވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތް ބޭރުފައިސާ އިން ދިނުމާއި ބައިނަލްއަގުވާމީ މުއާމަލާތްތަކާއި ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގާއި ބޭރުކުރެވޭ މުދަލާއި ހިދުމަތުގެ އަގެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް 2019 ވަނަ އަހަރު 153 މިލިއަން ޑޮލަރު މާރުކުރި ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 68 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އަލަށް ގެނައި އިސްލާހުގެ ސަބަބުން ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީގެ 15 ވަރަކަށް ޕަސެންޓު ބޭންކްތަކުގައި މާރުކުރެވިގެން ދާނެއެވެ.

އެމްއެމްއޭއިން ބުނީ މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ، ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ އަދި އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށްމަގުފަހިވެގެން ދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އަދި ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދެވިދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. އެ ހާލަތްތަކަކީ:

  • ބޭރު ފައިސާ އިން ޓެކްސް ދެއްކުން
  • މާލީ އިދާރާއަކަށް ބޭރު ފައިސާއިން ދަރަނި ދެއްކުން
  • ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމްތަކާއި އަޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް އޮތުން

އެއްވެސް ފަރާތަކުން ބޭރު ފައިސާ ގެންގުޅުމާއި ބެހެއްޓުން މި ގަވައިދުގެ ދަށުން މަނަލެއް ނުކުރެއެވެ.