ޑޭޓާ ނުވަތަ ތަފާސްހިސާބު ބޭނުންކޮށްގެން ޓޫރިޒަމް މާކެޓްކޮށް ކުރިއެރުވުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުންނާ އެކު ބާއްވާ ޑޭޓާ ފޯރަމް އަންނަ އޮކްޓޯބަރު މަހުގެ 16ގައި ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، "އެމްބްރޭސިންގް ޑޭޓާ ފޮ ޑެސްޓިނޭޝަން ސަކްސެސް" ނުވަތަ ތަފާސްހިސާބުގެ އަލީގައި ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލަކަށް ދަތުރުކުރުން މި ޝިއާރުގެ ދަށުން ބާއްވާ ފޯރަމް އޮންނާނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ކަމަށެވެ. އަދި މި ހަރަކާތުގައި ބައިވެރިވާން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފައިވާ ކަަމަށެވެ.

އީ-ޓޫރިޒަމް ފްރޮންޓިއާސްއާ ގުޅިގެން ބާއްވާ ޑޭޓާ ފޯރަމް 2024 ގައި މެލްޓްވޯޓާ، އަމަޑިއަސް، އަދާރާ، ޓްރިޕް އެޑްވައިޒާ، ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑް، ފޯވާޑް ކީސް އަދި ޔޫނިއަން ޕޭގެ މަންދޫބުން ހިމެނޭ ގޮތަށް ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާއި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމުގެ ތަޖުރިބާކާރު ފަރާތްތައް ބައިވެރިވެ އެ މީހުންގެ ހުނަރާއި ތަޖުރިބާ ހިއްސާކުރާނެ ކަމަށް އެމމްއެމްޕީއާރްސީން ބުނެއެވެ.

މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ފަހުގެ ބަދަލުތައް ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކާމިޔާބު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދުނިޔޭގައި ދެމެހެއްޓުމަށް އެހީވެދޭނެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ ހަރަކާތަކަށް ވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ޑޭޓާ ފޯރަމް 2024 އަކީ އަނެއްކާ ވެސް ފަތުރުވެރިކަމުގެ ސިނާއަތްތެރިންނަށް ހޯދައި ދެވޭ ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބުތައް ދިރާސާކޮށް އޭގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ނިންމުންތައް ނިންމަން މަގުފަހިވެގެންދާނެ ަކަމށް އޭނާ ވިދާޅުވިއެވެ.

އީ-ޓޫރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ސާރާ މެތިއުސް ވިދާޅުވީ، ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ޒަމާނީ ހުރިހާ ސިފަތަކެއް ހިމެނޭ ރާއްޖެއަކީ ފަތުރުވެރިކަމުގެ ނަމޫނާ މަންޒިލެއް ކަމަށެވެ. އަދި މިފަދަ މަންޒިލެއްގައި ޑޭޓާ ފޯރަމް ބޭއްވޭ ކަމީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑްތައް ހީވެސް ނުކުރާހާ ހަލުވި މިނެއްގައި ކުރިއަރަމުން އަންނައިރު، ތަފާސްހިސާބު ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުން މިހާރު ވަނީ ކުރިއަށްވުރެ މުހިންމުވެފައި ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މި ފޯރަމްގެ ސަބަބުން ރާއްޖެއަކީ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން ނިންމަން ޖެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ތަފާސްހިސާބަށް ބުރަވެ ގޮތް ނިންމަން އެހީވެދޭނެއެވެ. އަދި ކުރިއަރަމުން އަންނަ ފަހުގެ ޓްރެންޑްތަކަށް ފައިހަމަކޮށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނާއި ތަޖުރިބާ މި ފޯރަމްގެ ސަބަބުން ލިބިގެންދާނެއެވެ.

ޑޭޓާ ފޯރަމް 2024 އަށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ އިރު، އެ ފޯރަމްއާ ބެހޭ ތަފްސީލީ މައުލޫމާތުތަކާއި އެޖެންޑާ އަދި ފޯރަމްގައި ރަޖިސްޓްރީ ކުރުމަށް ހާއްސަ ވެބްސައިޓެއް ވަނީ އިފްތިތާހް ކޮށްފައެވެ.