ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި އަތުލުމަށްޓަކައި ހުޅުމާލޭގައި ބޮޑު އިންސްޕެކްޝަނެއް، އިމިގްރޭޝަނުން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެ އިދާރާއިން ބުނީ، މިއީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންސްޕެކްޝަންގެ ދަށުން ކުރިއަށް ގެންދާ ދެވަނަ އިންސްޕެކްޝަން ކަމަށެވެ. މި އިންސްޕެކްޝަންގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވަހިން ޖުމްލަ 27 ޒޯނެއް ފާސްކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި އިންސްޕެކްޝަންގެ ބޭނުމަކީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެ މީހުން އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އެ މީހުން ލައްވާ މަސައްކަތްކުރުވާ ދިވެހީންނަށް ލިއުމުން ނަސޭހަތްތެރިވުން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު އިމިގްރޭޝަނާއި ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގަމުން ދިޔަ ހަ ކެފޭއެއް ބަލައި ފާސްކޮށް، ހުއްދަތައް ނުނަގައި ހިންގަމުން ދިޔަ ތިން ކެފޭއަކަށް ވަނީ ނޯޓިސް ދީ، އެ ތަންތަނުގައި މަސައްކަތްކުރަމުން ދިޔަ 16 ބިދޭސިއަކު އަތުލައިގެންފައިވެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފާއިތުވި 10 މަަސްދުވަހުގެ ތެރޭ 4،054 ބިދޭސިއަކު އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލާފައިވެއެވެ.