ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ލޭންޑިން ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި އިސްނަގައި، ނަމޫނާ ހިތްވަރެއް ދެއްކި ދިވެހި ފުލުހުންގެ ހިދުމަތުގެ ތިން އޮފިސަރަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" އަރުވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮފިސަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ.
މި ޝަރަފުވެރި މެޑަލް ހާސިލުކުރެއްވި ތިން އޮފިސަރުންނަކީ ސީނިއާ ސާޖަންޓް އަހްމަދު އާމިރު (ސާވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުހައްމަދު ލަހްފާން (ސާވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް އަލީ ޒިދާން (ސާވިސް ނަންބަރު: 5852) އެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. "ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ކަނޑުވިއެވެ. ނަމަވެސް، މޫސުން ގޯސްވެ ކަނޑުގަދަ މިފަދަ ހާލަތެއްގައިވެސް، އެ އޮފިސަރުން ކުރެއްވި ހިތްވަރުގަދަ އަދި ނުރައްކާތެރި މަސައްކަތުން، މާތް ﷲ ގެ ރަހްމަތްފުޅާއެކު އޭގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ކުއްލި ހާލަތްތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޒުމާއި، ހިތްވަރާއި އަދި އިހްލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އަމިއްލަ ނަފްސަށް ބެލުމެއްނެތި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މި އޮފިސަރުން ދެއްކެވި މަތިވެރި ހިތްވަރަށް ސީޕީ ވަނީ ނުހަނު ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އާންމު ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް އަސާސްކަން ތަކުރާރުކުރައްވައި، ގައުމީ ވާޖިބު އަދާކުރުމުގައި ނަމޫނާ ދައްކާ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް ނުހަނު އިސްކަންދޭނެ ކަމެއް ކަމުގައި ކޮމިޝަނާ ވިދާޅުވިއެވެ.
