ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ އެކި މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ މަގްސަދުގައި "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެންމެން ޝާމިލުވާ، ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ދަށުން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން ރަސްމީކޮށް އައްޔަންކުރި ދެ އެމްބެސެޑަރުންނަކީ އެ ކޯޕަރޭޝަންގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަހްމަދު ނަޖީބެވެ. މި ދެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ.

މި ދެ ބޭފުޅުންނާއެކު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް އެ ފަރާތްތަކުގެ ހިޔާލާއި، މަޝްވަރާއާއި، އަދި ހުރި ކަންބޮޑުވުންތައް އެޗްޑީސީގެ މެނޭޖްމަންޓަށް ހުށަހެޅުމުގައި މި ދެ އެމްބެސެޑަރުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން އެކި ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދާ މަސައްކަތްތައް ގާތުން ބެލުމަށާއި، ހުޅުމާލޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށްދާ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގައި ވެސް އެ ކޯޕަރޭޝަނަށް މި އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބޭނުންތައް ދެނެގަނެ، އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވީ، އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން ކަމަށެވެ. އަދި ވަސީލަތްތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އެޗްޑީސީން އިތުރަށް ބުނީ، މިފަދަ އެއްވެސް ކަންބޮޑުވުމެއް ނުވަތަ ހިޔާލެއް ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 މެދުވެރިކޮށް އެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި މުޖުތަމައުގެ އެންމެންނަށް ފަހި ވެއްޓެއް ގާއިމުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.