ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު މާރު ކުރުމަށާއި، އެ ކުންފުނީގެ އާމްދަނީ އަދި ތިޖޫރީން ޖުމްލަ 9 މިލިއަން ރުފިޔާ ގެއްލިފައިވާ މައްސަލަ ފުލުހުން އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސޯސް އޮންނަނީ އޭސީސީއަށް ކަމަށްވާތީ، އެ މައްސަލަ ފުލުހުން އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، ޕީއެސްއެމް އަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4,583,701 ރުފިޔާ ގެއްލިފައިވެއެވެ.

ހަމައެއާއެކު 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އާމްދަނީ އާއި އަދި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4,260,295 ރުފިޔާ އަދި ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,087 ރުފިޔާއާއެކު ޖުމުލަ 9,034,083 ރުފިޔާ ގެއްލިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން މި މައްސަލާގައި ޝާމިލް ވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެކެވެ. މި މައްސަލައާ ގުޅިގެން ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަނީފް ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަސްޕެންޑްކޮށްފައެވެ.

މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ހަނީފް ޕީއެސްއެމްގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް ވެސް ޕީއެސްއެމްއިން ވަނީ ނިންމާފައެވެ.