"އޯހް... ކޮބާތަ ބޭބީ؟... ޒައިކަށް އިނގޭތަ... ދައްތަ މިއައީ ކޮއްކޮ ބަލައޭ... އޯކޭތަ ކޮއްކޮ ގެންދިޔަސް!!!...." ޒުހާމެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން މަންޝާ މިހެން ބުނުމާ އެކީ ތުއްތު ޒައިކް ކުޅެން ހުރިތަނުން ތެދުވެ މަންޝާ ފަހަތުން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަޒީމް ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ.

މަންޝާގެ ފަހަތުން ދުވެފައި ދިޔަ ޒައިކް އުރާލާ އެސޮރު ގައިގާ އަޒީމް ބައްދާލަމުން ޒައިކްގެ ކަންފަތު ބުޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ. މަންޝާ އެކޮޓަރިއަށް ވަދެ ބޭބީ އެނދު ކައިރިއަށް ދިޔައިރު އެ ތުއްތު ކުއްޖާ އޮތީ ތަންމިނަށް ލޯ ހުޅުވައިގެންނެވެ. މަންޝާގެ ފަހަތުން އައި އަޒީމް ކޮޓަރިއަށް ވަންނަމުން ނަވާފަށް ގޮވާލިއެވެ.

އެވަގުތު ކޮއްކޮ ނުގެންދާށޭ ކިޔާ ޒައިކް ބޮޑާހާކަން ފެށިއެވެ. "ކޮއްކޮ ނުގެންދާތި.. ތީ ޒައިކްގެ ކޮއްކޮއެއް... ބައްޕީ... މި ބޭބެ ޒައިކްގެ ކަންފަތް ކާލީ...." އެންމެން އެއްފަހަރާ ބާރަށް ހީގަތީ ޒައިކް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނުމުންނެވެ.

"ދައްތަ ނޫޅެޔޭ ކޮއްކޮ ގެންދާކަށް...." ތުއްތު ޒައިކަަށް ވިސްނައި ދެވޭތޯ ޒުހާ މަސައްކަތް ކުރިއެވެ. "ދައްތަ އެއައީ ބޭބީ އުރާލާށޭ... ބަލާބަލަ އެމަންޖެ އެއޮތީ މަންޝާ އަންނަކަން އެނގިގެން ހޭލާ...."

ރަޖާގަނޑާ އެކީ އޮޅާލާފައިވާ އެ ތުއްތު ކުއްޖާ ނަގާ މަންޝާ އުރާލިއެވެ. އުރާލުމާ އެކީ ހީވީ ކައްޓެއް ޖެހިހެންނެވެ. އެ ތުއްތު ކުއްޖާ ބާރުބާރަށް ރޯން ފެށިއެވެ. މަންޝާއާ ތުއްތު ކުދިން ވަރަށް އޮޅުވާނެއެވެ. އެކަމަކު މީ އަލަށް ދިމާވި ކަމެކެވެ. ހަމަ އެއްގޮތަކަށް ވެސް މަންޝާ ގާތުގައި އެކުއްޖާ ނުރޮއި އޮންނަ ގޮތެއް ނުވިއެވެ.

އެންމެ ފަހުން އަޒީމް އެ މަންޖެ އުރާލިއެވެ. އަޒީމްގެ އަތުގައި ޖެހުމުން އެ މަންޖެ ރުއިން ހުއްޓާލިއެވެ. އަޒީމްގެ މޫނަށް ބަލަން އޮވެ އެއް މިޔަކަނުން ހިނިތުން ވެލިއެވެ. މި މަންޒަރު ބަލަން ހުރި ޒުހާ އަޒީމްގެ މޫނަށް ފުން ނަޒަރަކުން ބަލާލަމުން ބުންޏެވެ.

"އޯހް... އަޒީމް ހާދަ ފަރިތައޭ... ބަލަ އަޒީމް އުރާލިއިރަށް އެ މަންޖެ އެ ހުއްޓާލީ..."

"ހޫން... އަންހެން ކުއްޖެއްވީމަ ފިރިހެން ކުދިން އުރީމަ ދޯ ކަމުދާނީ.... ހެެހެހެ..." ލާނެއް ފާޑަކަށް ހިނިއައިސް ހުރެ ނަވާފް އެހެން ބުނެލީ ނަވާފްގެ ގަމީހުގަައި އެލެމުން ދިޔަ ޒައިކް އުރާލަމުންނެވެ.

"މި ކުއްޖާކޮޅަށް ކިޔާނެ ނަމެއް ހޯދާކަށް ނޫޅެންތަ؟... ކޮންއިރަކު ނަން ކިޔަނީ؟..." ޒުހާއާ ޖެހިގެން އެނދުގައި މަގަތުގައި އިށީންނަމުން މަންޝާ އަހާލިއެވެ.

"ނޫނޭ... ހެސްކިޔާފަ ނަންބަލާ އެބަ... ވަރަށް ރީތި ދެތިން ނަމެއް އެބަ އުޅޭ... ޒާރާ... ޒަހާ... ޒަފްރީން.... ޒީވާ...." އެދެމަފިރިން ނަންފޮތުން ފާހަގަ ކޮށްފައިވާ ނަންތައް ނަވާފް ކިޔާލިއެވެ.

"ޒީވާ އެންޑް ޒަފްރީން ވަރަށް ސަޅި.... ޒާރާ އެންޑް ޒަހާ ވަރަށް އާންމު ނަމެއްދޯ...." މަންޝާ އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.

"ނަމުގެ މާނަ ސަޅި ވެއްޖިއްޔާ މަށަށް އޯކޭ... ދެން ކިޔާލަން ދުލަށް ފަސޭހަވާ ނަމެއް ރީތިވީ... ނޫންތަ؟.." އަޒީމްގެ ޚިޔާލްވެސް އޭގެތެރެއަށް އިތުރުކޮށްލިއެވެ.

"ޒަައިކްއާ ޒުހާގެ ނަމާ ގުޅުވާލަން އަހަރެން ބޭނުމީ... ފަހަތަށް ކޮންމެ ގޮތެއްވިޔަސް އަންނާނީ މަގޭ ނަން ދޯ.. އެހެންވެ މަންމަ އާ ގުޅޭ ގޮތަށް ޒަވިޔަނިން ފެށީމަ އަހަރެންނަށް އޯކޭ...."

ނަވާފްގެ ވާހަކަ ނިމުމުން މަންޝާ އަނެއްކާވެސް ކައިރިވެލީ އެ ތުއްތު ކުއްޖާ އުރާލާށެވެ. މިފަހަރުވެސް ވީ ހަމަ އެހެންނެވެ. މަންޝާ ގާތްވުމާއި އެކީ އެމަންޖެ ބާރުބާރަށް ރޯން ފެށިއެވެ. އެކަމާ މަންޝާ ވަރަށް ދެރަވިއެވެ.

ޒުހާ އެނދުމަތިން ތެދުވަމުން ސައިބޯން ދިޔުމަށް އެދުނެވެ. "ނޫން.. އެހެން ދުވަހަކުން ސައިބޯން އަންނާނަން.... މިއަދު ވަރަށް އަވަހަށް ދާން ޖެހޭ... އަނެއްކޮޅުން ޒުހާގެ ޕްރިންސަސް މިއަދު މަށާ ވަރަށް ރުޅި.... ކީއްކުރާނީ؟.... ދެން ދަނީއޭ.... އެހެން ދުވަހަކުން ސައިބޯން އަންނާނަން.... ބާއި..."

މަންޝާ އެގެއިން ނުކުންނަމުން ތުއްތު ޒައިކްގެ ކޮލަށް ބޮސްދިނުމަށްފަހު ބައްދާލިއެވެ. ޒައިކްގެ އަތުން އޭނާގެ ކޯ ފުހެލަމުން 'ބާއި' އޭ ބުނެ އަތްހަނާ އަޅާލިއެވެ. ޒައިކް ޖައްސާ ވައްތަރުތަކުން އެންމެންގެ ގާތަށް ހިނިއައެވެ.

*** *** *** *** *** ***

އެނދުގައި އޮށޯވެގެން އޮތް ރިޔާޒަށް ނިދޭ ގޮތެއް ނުވިއެވެ. އޭނާގެ ކޮއްކޮއަށް ދިމާވި ކަންތައްގަަނޑު އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީއެވެ. މީރާ ކުރުނުކޮށް އެތައް އާދޭހެއް ކުރުމުން ރިޔާޒް ގެއަށް އައެއްކަމަކު އޭނާގެ ސިކުނޑި ވަނީ މުޅިން އެހެން ހިސާބެއްގައެވެ. އިރުއިރުކޮޅުން ފޯނުގެ ޑިސްޕްލޭ ދިއްލާލުމަށްފަހު ބަލާލެވެއެވެ. ޟިރާރުގެ ފޯނު ކޯލެއް އައިސްދާނެތީއެވެ. އާމިނަގެ ހާލާމެދު ވެސް ރިޔާޒް ވަނީ ވަރަށް ފިކުރު ބޮޑުވެފައެވެ. ފޯނަށް ބަލާލުމަށްފަހު ބާލިސް ދަށަށް ފޯނު ކޮށްޕާލަމުން ރިޔާޒްގެ މަގަތުގައި ނިދާފައި އޮތް މީރާއަށް ބަލާލިއެވެ.

މިރާއަކީ ހާދަ ރަނގަޅު ބައިވެރިޔެކޭ އޭނާގެ ހިތަށް އެރިއެވެ. މެލޭޝިޔާގައި ކިޔަވަން ހުރި މީރާއަށް ރޫހީގެ މަރުގެ ޚަބަރު ލިބުމާ އެކީ އޭނާ މާލެ އެއައީ ރިޔާޒަށް އޭނާގެ އޯގާތެރިކަން ބޭނުންވާނެ ކަން އެނގޭތީއެވެ. މީރާގެ ފަން އިސްތަަށިކޮޅުގައި ފިރުމާލުމަށްފަހު އޭނާގެ ނިތްކުރިއަށް ރިޔާޒް ބޮސްދިނެވެ. އަދި އެނދުގައި ހަމަޖެހިލުމަށްފަހު އުއްޑުން އޮށޯވެލިއެވެ. ކޮޓަަރީގެ މެދާ ދިމާލުން ސީލިންގްގައި ހުރެ އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮވެވުނެވެ. އެހެން އޮތް އިރު ރިޔާޒްގެ ސިކުނޑިއަށް އަރާ ފައިބަމުން ދިޔައީ ކުރީގެ ހަނދާންތަކެކެވެ.

*** *** *** *** *** ***

މާލޭގައި ވަޒީފާ އަދާކުރަމުން ދިޔަ ރިޔާޒަކީ ވަރަށް އެކަނިވެރިކޮށް ދިރިއުޅެމުން ދިޔަ މީހެކެވެ. ކައިވެންޏަށް ތިންއަހަރު ފުރުނު ތަނާ ރާއްޖޭން ބޭރަށް ކިޔަވަން ދިޔުމަށް ލިބުނު ފުރުޞަތުގައި މީރާ ދިޔައީ މެލޭޝިޔާއަށެވެ. އެމީހުންް ދިރިއުޅެމުން ދިޔަ އެއްކޮޓަރީގެ އެޕާޓްމަންޓްގައި ރިޔާޒް އުޅުނީ އެކަނިމާ އެކަންޏެވެ. ރިޔާޒްގެ މައިންބަފައިން އޭނާގެ ކޮއްކޮ ރޫހީއާ އެކު އުޅެމުން ދިޔައީ ރަށުގައެވެ.

ރޫހީއަކީ ފެށުނީއްސުރެ ވެސް މިޒާޖުގައި އެހެން ކުދިންނާ ތަފާތު ގޮތްތަކެއް ހުންނަ ކުއްޖެކެވެ. ރަށުގައި އުޅޭ ގިނަ މީހުން ބުނާ ގޮތުގައި ރޫހީއަކީ ސިކުނޑި ހަމަނުޖެހޭ ކުއްޖެކެވެ. ކިޔެވުމުގައި އެވްރެޖް ކުއްޖެއްް ނަމަވެސް މީހުންގެ ތެރޭގައި ރޫހީއަކީ މާގިނަ ވާހަކަ ދައްކާ، ސަމާސާކޮށް އުޅުނު ކުއްޖެއް ނޫނެވެ. ސްކޫލުގައި ވެސް ރޫހީގެ ގާތް އެކުވެރިއެއް ނުހުރެއެވެ. ކުލާހުގެ ގިނަ ކުދިން އޭނާއަށް ކުރީ މަލާމާތެވެ. ޗުއްޓީއަށް ރަށަށްދާ ކޮންމެ ފަހަރަކު ރިޔާޒް ގާތުގައި މި ވާހަކަތައް ރޫހީ ކިޔާދެއެވެ. ގޭތެރޭއިން ވެސް ރޫހީ އެންމެ ގާތްކޮށް އުޅުނީ ރިޔާޒާއެވެ.

ވަޒީފާ އަދާކުރަން ރިޔާޒް މާލެ ބަދަލުވީ ފަހުން ގޭތެރޭގައި ވެސް ރޫހީ އުޅުނީ ވަރަށް މަޑުމަޑުންނެވެ. މަންމަ ގުޅާ ކޮންމެ ފަހަރަކު ރޫހީގެ ބަސް މަދުކަމާއި އެކަހެރިކޮށް އުޅުން ގިނަވަމުންދާ ވާހަކަ ރިޔާޒަށް ކިޔައިދެއެވެ. ނަމަވެސް އެފަދަ ބަދަލުތަކަކީ ފުރާވަރުގެ ކުއްޖަކަށް އައިސްދާނެ ބަދަލުތައްކަަން ކޮންމެ ފަހަރަކު މަންމައަށް ވިސްނައި ދެނީ ރިޔާޒެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. އޮފީހުގައި މަސައްކަތެއްގައި ވަރަށް ބުރަކޮށް އުޅެނިކޮށް ރިޔާޒްގެ ފޯނަށް އާމިނަ ގުޅަމުން ދިޔައެވެ. ނަމަވެސް އޮފީހުގެ އެ ބިޒީ މާހައުލު ތެރޭގައި ފޯނު ނުނަގާ ރިޔާޒް މަޑުކޮށްލީ ފަހުން ގުޅާށެވެ. ފޯނު ސައިލެންޓަަށް ލުމަށްފަހު ޖީބަށް ފޯނުލައިގެން އުޅުނުއިރު ރިޔާޒަށް އޭނާގެ މައިންބަފައިން ގުޅީ ކިތައް ފަހަރު ކަމެއްވެސް ނޭނގުނެވެ. އޮފީސް ގަޑި ނިމުމުން ހަވީރު ގެއަށް އައިސް ފޯނަށް ބަލާލި އިރު ފަންސަވީސް ފަހަރު އެކި އެކި ނަންބަަރު ތަކުން ރިޔާޒަށް ގުޅާފައި އޮތެވެ.

އަވަހަށް މަންމަގެ ނަންބަރަށް ޑައަލް ކޮށްލީ ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހްސާސްވުމުންނެވެ. އާމިނަގެ ފޯނު ރިންގްވޭވޭ ގޮސް ކެނޑުނު އިރުވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަަމުން ދެން ރިޔާޒް ގުޅީ އޭނާގެ ބައްޕަ، ޟިރާރުގެ ނަންބަަރަށެވެ. ދެބުރަކަށް ފޯނު ރިންގް ވުމާއި އެކީ ޟިރާރު ފޯނަށް ޖަވާބު ދިނެވެ.

"ބައްޕާ... ކިހިނެއްވީ؟...."

"ރޫހީ ބަލިވެގެން މި އުޅެނީ.... މިކޮޅަށް ރިޔާޒް އަވަހަށް އާދޭ... ވަރަށް ސަކަރާތް... އެ މަންޖެ މައިތިރި ވެސް ނުވޭ...."

ޟިރާރުގެ އަޑުގައި ހުރި ވޭނާއި ކެކުޅުން ނަގައިގަންނާކަށް ރިޔާޒް މާ ގިނައިރެއް ނުނެގިއެވެ. އިތުރު މައުލޫމާތު ސާފުކުރުމުން ބައްޕަ ބުނީ ރޫހީ މޮޔަވީ ކަމަށެވެ. ނަފްސާނީ ކަމެއްކަމަށް ޑޮކްޓަރުން ލަފާ ދެމުން ދިޔަ ކަމެވެ. ރޫހީއަކީ ކުރިންސުރެވެސް މަޑުމަޑުން ހުންނަ ކުއްޖެއްކަމުން އެއީ މި ބަލީގެ ފެށުން ކަމަށާއި، ފަރުވާއެއް ނުދީ ގިނަ ދުވަސްތަކެއް ވެފައިވުމުން މިހާރު އެބަލީގައި ރޫހީ އެވަނީ އަތް ނުފޯރާ ފަށަށް ގޮސްފައިކަމަށް ޑޮކްޓަރުން ބުންޏެވެ.

ރިޔާޒް އޮފީހަށް ގުޅައި ޗުއްޓީ ހަމަޖައްސައިގެން ރަށަށް ދާން ޓިކެޓް ނެގިއެވެ. ރޫހީއަށް ވަމުން އެދާ ކަންތަކަކީ ނަފްސާނީ ބަލީގެ ކަމެއްތޯ ބަލަން ރިޔާޒް ބޭނުންވީ ވީ އެންމެ އަަވަހަކަށް ރޫހީ މާލެ ގެންނާށެވެ.

ރިޔާޒަށް ރަށަށް ދެވުނުއިރު ރޫހީ ވަނީ ހުޅުދޫ ހޮސްޕިޓަލުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ސ.ގަން އެއާޕޯޓުން ފޭބުމާ އެކީ ރިޔާޒް މިސްރާބުޖެހީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލަށެވެ. ޓެކްސީއެއްގައި ހޮސްޕިޓަލަށް ދިޔައެވެ. އެތެރެއަށް ވަންނަަމުން ފޯނުން ބައްޕައަށް ގުޅައިގެން ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރިއަށް ރިޔާޒް ދިޔައެވެ. އެނދުގައި އޮށޯވެގެން އޮތް ރޫހީ ފެނުމުން ރިޔާޒްގެ ހިތް ކުދިކުދި ވިއެވެ. އޭނާގެ ކޮއްކޮގެ މޫނުމަތިން އެއްވެސް އުޖާލާކަމެއް ފެންނާކަށް ނެތެވެ. ހީވަނީ އެތައް އަހަރުތަކެއް ވަންދެން ބަލިވެ އުޅެފައިވާހެންނެވެ.

ރޫހީގެ މަގަތުގައި އިށީނުމަށްފަހު ރޫހީގެ ބޮލުގައި ރިޔާޒް ފިރުމާލި އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ރޫހީގެ މިޒާޖުން ރިޔާޒަށް ތަފާތުކަމެއް ފެންނަން ނެތުމުން ވަރަށް ހައިރާން ވިއެވެ. އާންމުކޮށް ކުރިންވެސް ވާހަކަ ދައްކާ އުސޫލުން އޭނާ ވާހަކަ ދައްކަމުން ދިޔުމުން ބައްޕަމެން އޭނާ މޮޔަވީއޭ އެބުނި ސަބަބު އޮޅުން ފިލުވަން ބޭނުން ވިއެވެ.

ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނދެގެން އިން ފާތުމައްތަ ގާތުގައި ކަމުގެ ތަފްސީލެއް އަހާލާނަމޭ ހިތާ ރިޔާޒް އެ ކޮޓަރިން ބޭރަށް ނިކުތީ މަންމަމެން ގާތުގައި ބޭރަށް ގޮސްލާފައި އެބަ އަންނަމޭ ބުނަމުންނެވެ.

ރިިޔާޒް ކޮޓަރިން ބޭރަށް ނިކުތްއިރު ފާތުމައްތަ އެ ގޮނޑީގައި އިށީނދެގެން އިނީ މީހަކާ ފޯނުން ވާހަކަ ދައްކާށެވެ. ފާތުމައްތަ ގާތުގައި ހުރި ހުސް ގޮނޑީގައި ރިޔާޒް އިށީނދެގެން އިނީ އެ ފޯނުކޯލުން ފާތުމައްތަ އަވަދިވަންދެނެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދާ ފާތުމައްތަގެ އޯގާތެރި ބަސްތަކުން ރިޔާޒަށް ހޭވެރިކަން ވިއެވެ. "ދަރިފުޅު... ކިހިނެއްތަ؟... ކޮބާތަ މީރާ؟.."

"މީރާވީ މެލޭޝިޔާގައި... މީ ޓެސްޓު ދުވަސްވަރު... ޓެސްޓު ނިމުނީމަ މީރާ ބުނީ އަންނާނަމޯ... ވަރަށް ސަލާމްވެސް ބުނި..."

މީރާގެ ސަލާމް ބުނުމަށް ފަހު ރިޔާޒް އޭނާ އަހަން ބޭނުންވެފަައި ހުރި ސުވާލުތައް ކުރަން ފެށިއެވެ.

"ފާތުމައްތާ.... ރޫހީއަށް އަސްލު ކިހިނެއްތަވީ؟... ހީވަނީ އޯކޭހެން... އެކަމަކު ގުޅާފަ ބައްޕަ ބުނީ ރޫހީ މޮޔަވީއްޔޯ... އެއީ ތެދެއްތަ؟..."

ކަމުގެ ހަގީގަތް އޮޅުން ފިލުވަން ބޭނުންވެފައި އިން ރިޔާޒް އިނީ ފާތުމައްތަ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ރިޔާޒް ކުރި ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން އެނގިހުރެ ފާތުމަ ވާހަކަ ފެށިއެވެ.

*** *** *** *** *** ***

އަަޒީމްމެންނަށް ގެއަށް އާދެވުނު އިރު ހަވީރު ފަަހެއް ޖަހަނީއެވެ. ހެދިކާ ވިއްކާ ތަނަކުން ހެދިކާ ކޮޅެއް ގަނެގެން އެ ދެމަފިރިން ގެއަށް އައިސް ވަނީ ދެމީހުން އެކީގައި ސައިބޯށެވެ. ގެއަށް ވަދެވުމާ އެކީ އަޒީމް ޓީވީ ބަލަން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ފެން ކައްކަން ޖައްސާލުމަށްފަހު މަންޝާ ކޮޓަރިއަށް ވަދެ ހެދުން ބަދަލު ކޮށްލިއެވެ. އެއަށްފަހު ބަދިގެއަށް އައިސް ދެމީހުންނަށް ހޫނު ކޮފީ ތައްޓެއް ތައްޔާރު ކޮށްލިއެވެ.

ހަވީރުގެ ސައިބޯން ދެމީހުން ވެސް ތިބީ ސޯފާގައެވެ. އަޒީމް ސައިބޮއި ނިމިގެން މަންޝާގެ އުނގުގައި ބޯ އަޅާލައިގެން އޮތީ ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއްް ބަލާށެވެ. އަޒީމްގެ ބޮލުގެ އިސްތަށިތަކާ ކުޅެލަ ކުޅެލަ މަންޝާ އިނުމަށްފަހު ގަޑިން ހައެއް ޖެހުމުން އަޒީމްއަށް ގޮވާލިއެވެ. އެ ވަގުތު އަޒީމް އޮތީ ގަދައަށް ނިދާފައެވެ. މަންޝާ ގޮވަން ފެށުމުން އަޒީމް ތެދުވެގެން ފާޚާނާއަށް ވަދެ ޑިއުޓީއަށް ދާން ތައްޔާރުވާން ދިޔައެވެ.

ޓީވީ ބަލަން އިން މަންޝާއަށް ފާޑުފާޑުގެ އަޑު އިވޭހެން ހީވެއެވެ. ބައެއްފަހަރު ފުރާޅުމަތިން އިވޭ އަޑުތައްހެން ވެސް ހީވެއެވެ. އަނެއް ބައި ފަހަރު ސޯފާ ދަށުންހެން ވެސް ހީވެއެވެ. އިރުއިރުކޮޅާ ޓީވީގެ އަޑު 'މިއުޓް' ކޮށްލަނީ އެ އިވޭ އަޑުތައް އަންނަ ދިމާލެއް ޔަގީން ކުރާށެވެ. އެ އިވޭ އަޑުތަކަކީ ވަހުމެއް ކަމަށް ނިންމާ އަނެއްކާ ވެސް ޓީވީ ބަލަން އިންދާ މިފަހަރު އެ އަޑު އަންނަން ފެށީ ޓީވީންނެވެ.

މަންޝާގެ ސަމާލުކަން ޓީވީއަށް ދެމުން މަޑުމަޑުން ސޯފާއިން ތެދުވިއެވެ. އަދި ޓީވީއާ ދިމާލަށް ހިނގައިގަތެވެ. ޓީވީ ކައިރިއަށް ދިއުމަށްފަހުގައި ޓީވީގައި މަޑުމަޑުން ކަންފަތް ޖަހާލެވުނެވެ. "މަންޝާ...... މަންޝާ..."

ވައި އަޑުން އިވެމުން ދިޔަ އަޑަށް ސަމާލުކަން ދެމުން ދިޔަ މަންޝާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިހިފައި ފަހަތަށް ބަލާލިއިރު މަންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

"އަޒީމް... ކިރިޔާ މަ ބިރުން ހާޓް އެޓޭކެއް ނުޖެހުނީ..." ބިރުގެންފައި ހުރިވަރުން މަންޝާއަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ.

"ކިހިނެއްވީ ޓީވީގަ ކަންފަތް ޖަހައިގެން ތީނީ... އަޑު ނީވެނީތަ؟...." އަޒީމް މަލާމާތުގެ ރާގަކަން އެހެން ބުނެލީ މަންޝާއާ ދިމާކޮށްލާށެވެ.

"ހޫން... މަންއަށް ހީވީ މަންގެ ނަމުން ގޮވާހެން އެހެންވެ...." ސިކުނޑިމަތީ ސުވާލު މާކެއް ޖަހައިގެން ހުރެ މަންޝާ ޓީވީ ކައިރިއަށް ދިޔަ ސަބަބު ހާމަ ކުރިއެވެ. އަޒީމް ގާތަށް އައި ހިނި ކޮންޓްރޯލް ނުކުރެވިގެން ބާރުބާރަށް ހޭން ފެށިއެވެ. ސޯފާގައި އިށީންދެ މީހާ ހަމައަކަށް އެޅޭތޯ ގުދުވެ ބަނޑުގައި ފިރުމަމުން ދިޔައެވެ. އަޒީމްގެ މި ހަރަކާތުން މަންޝާ ހުރީ ހިތްހަމަނުޖެހިފައެވެ. ތުންގަނޑު ދިއްކޮށްގެން ދެލޯ އަޅާލަމުން މަންޝާ އައިސް އަޒީމްގެ މަގަތުގައި އިށީނެވެ.

"ވަޓްސް ސޯ ފަނީ..." މަންޝާ އިނީ ރުޅިއައިސްފައި ކަން އެނގުމުން އަޒީމް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ.

"އަސްލު... އަހަރެން ކޮޓަރިތެރޭ އޮވެ މަންޝާއަށް ވަރަށް ގޮވިން... ބޮކްސާ ނުފެނިގެން.. އެކަމަކު މަންޝާ ދޯ... ފަހުންވެސްް ގޮވިން ޖެލްފުޅި ނުފެނިގެން.... ސާބަސް އިނގޭ..." އަޒީމް މަންޝާއަށް ވަރަށް ގޮވި ވާހަކަ ބުނުމުން މަންޝާއަށް ވެސް ހެވޭ ގޮތް ވިއެވެ. މަންޝާއަށް އެވަގުތު ކަންތައް ކުރެވުނު ގޮތުން މަންޝާ އިނީ ވަރަށް ހައިރާން ވެފައެވެ. އެކަމަކު މަންޝާއަށް އެ އަޑު އައީ ޓީވީންކަން ޔަގީނެވެ. ވަށްކަޅިން ޓީވީއާ ދިމާލަށް މަންޝާ ބަލާލިއެވެ.

އަޒީމް ތައްޔާރުވެގެން ޑިއުޓީއަށް ދާން ގެއިން ނިކުންނަމުން މަންޝާގެ ގައިގާ ބައްދާލިއެވެ. އަޒީމްގެ ހަށިގަނޑުން ދޫކޮށްލާކަށް މަންޝާ ބޭނުމެއް ނޫނެވެ. މަންޝާގެ ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. އަޒީމް ގާތުގައި ބިރުގަންނަ ވާހަކަ ބުނެފިއްޔާ ދިމާކުރާނެކަން އެނގެއެވެ. އެހެންވެ އެވާހަކަ ނުބުނުން އެއީ ބުއްދިވެރި ގޮތް ކަމަށް ނިންމިއެވެ. އަޒީމްގެ ކޮލަށް ބޮސްދެމުން ސަލާމްކޮށްލިއެވެ. އެޕާޓްމަންޓުން އަޒީމް ނިކުތުމުން ބޭރު ފެންނަ ގޮތަށް ހުރި ކުޑަދޮރު ހުޅުވާލައިގެން އަޒީމް ސައިކަލު ދުއްވާލި މަންޒަރަށް ބަލަން މަންޝާ ހުއްޓެވެ.

އަޒީމް ދިއުމުން މަންޝާ އެނބުރިލީ ސިޓިންގް ރޫމް ޓިވީ ކައިރީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލަމުންނެވެ. އެ ދަނޑިވަޅުގައި އެގޭ ކުރިމައްޗަށް ވާގޮތަށް ދުވާރުމަތީ ހުރި ޒުވާނާއަށް މަންޝާގެ ކަޅި އަމާޒުވެގެން ދިޔައެވެ. ފާރުގައި ލެގިލައިގެން ހުރި އެ ޒުވާނާ އަކީ ހޮސްޕިޓަލުން ފެނުނު ޒުވާނާކަން މަންޝާއަށް އެނގުނެވެ. އޭރު އެ ޒުވާނާ ވެސް ހުރީ ކަރުމައްޗަށް ނަގައިގެން މަންޝާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

އޭނާގެ ރީތިކަމަށް މަންޝާގެ ހިތްވަނީ ކުރިންވެސް ލެނބިފައެވެ. މަންޝާ މަސައްކަތް ކުރީ އޭނާގެ ބަސްނާހާ ހިތަށް ވިސްނައި ދެވޭތޯއެވެ. އަޒީމް ނޫން އެހެން މީހަކާ ދިމާލަށް އެފަދަ ނަޒަރަކުން ބެލުމަކީ ފާފައެކެވެ. އެހެންކަމުން މަންޝާ އެތެރެއަށް ހިނގައިގަންނަމުން އެ ކުޑަދޮރު ގާތްކޮށްލިއެވެ.

ތެޅި ފޮޅެމުން ދިޔަ ހިތަށް ލުޔެއް ލިބޭތޯ މޭމަތީ އަތްއަޅާލަމުން ފުންނޭވާތަކެއް ދޫކޮށްލިއެވެ. ދެން ކޮޓަރިއަަށް ވަދެ އަޒީމް ގައިން ބޭލި ގަމީހާއި ޖީންސްް ނަގާ އެ ހެދުންތައް ހެސަ ފަރާތަށްް ޖަހާލިއެވެ. އެވަަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އަޒީމްގެ ޖިންސު ފަހަަތު ޖީބުގައި ފަތްޖަހާލާފައިވާ ގަނޑުކޮޅެކެވެ. އެ ގަނޑުކޮޅު ނަގާ ނިއުޅުވާލިއެވެ. އޭގައި ލިޔެފައިވާ ލިޔުންތަކަށް ބަލަންހުރި މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސް އަވަހަށް އެ ގަނޑު ފަަތްޖަހާލިއެވެ. އަދި އަޒީމްގެ ހެދުންތައް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރީގެ ދޮރު ބިއްދޮށުގައި ހެދުން އަޅުވަން ހުރި ސްޓޭންޑްގައި އަޅުވާލިއެވެ.

މަންޝާގެ އަތްދަބަސް ތެރެއަށް އެ ގަނޑުކޮޅު ލުމަށްފަަހު އެނދުގައި އޮށޯވެލީ ހަމަޖެހިލާށެވެ. ނަމަވެސް މަަންޝާގެ ހިތަށާއި ސިކުނޑިއަށް އެތައް އުނދަގޫތަކެއް ކުރަމުން ދިޔައެވެ. ހާސްވެފައި ހުރިވަރުން ބޯއަނބުރާ ހެންވެސް ހީވިއެވެ. އެހެންކަމުން ފެންފޮދެއް ބޯން ބަދިގެއާ ހަމައަށް ދާން ތެދުވަން އެނދުމަތިންް ބޯ ހިއްލާލި ވަގުތު މޭ ނުބައި ކޮށް ބާރުބާރަށް އޯކާށް ދެމިގަތެވެ. ބަދިގެއަށް ދިޔުމުގެ ބަދަލުގައި އަނގަމަތި ނިވާކޮށްގެން ހުރެ މަންޝާ ދުއްވައިގަތީ ފާޚާނާއާ ދިމާލަށެވެ.

*** *** *** *** *** ***

މާލެ ފޮނުވަން ހަދިޔާތައް ހެދުމުގައި އެންމެން ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔައެވެ. މަދީހާމެންގެ ގޯތިތެރޭގައި މޭޒުތައް ފަތުރައިގެން އެކިކަހަލަ ސާމާނުތައް ހެދުމުގައި އެންމެން އަވަދިނެތި އުޅުނެވެ. ކައިރީ ގެތަކުގެ އަންހެންވެރިން އެގޭތެރެ ފުރާލައިގެން އުޅުނީ އެކިކަހަލަ ހަދިޔާތައް ތައްޔާރު ކުރުމުގައެވެ. އެއް ފަރާތެއްގައި ދެ ދިމާލެއްގައި އަަލިފާންޖަހާ ދަރު އުނދުން ތައްޔާރު ކުރަމުން ދިޔައިރު މޭޒުތަކުގެ ވަށައިގެން އަނެއްބަޔަކު އުޅުނީ ތެލުލަންޖެހޭ ސާމާނުތައް ތައްޔާރު ކުރުމުގައެވެ. ރޭގަނޑުގެ ވަގުތެއް ކަމުން ގޯތިތެރެ އަލިކުރަން މާކަރީ ލައިޓެއް އަނބުގަހުގައި ހަރުކޮށްފައި ހުރުމުން މަސައްކަތް ކޮށްއުޅެވޭ ވަރަށް ގޯތިތެރެވަނީ އަލިކޮށްލާފައެވެ.

ފިޔާކޮށަން މަދީހާ އިނީ ޖޯލީގައެވެ. އަށިމަތީގައި އޮތް ފޯނު ރިންގް ވާން ފެށުމުން އުނގުމަތީ ހުރި ތަށި ތެރެއަށް ވަޅިއާއި ފިޔާ ލުމަށްފަހު އެ ތަށި ޖެހިގެން ހުރި ޖޯލީގައި އިން ފާއިޒާ އަތަށް ދިނެވެ. އަދި ޖޯލިން ތެދުވެގެންގޮސް މަދީހާ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

"ކީއްކުރަނީ؟.... އަހަރެން އަޑު އެހިން މާ ވަރެއް ދައްކާފަ ބައިވަރު ހަދިިޔާ ހަދާ ރެޔެކޭ..." މުނީރާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި މަދީހާގެ ނުފެންނާކަށް ދަތެއް ނެތެވެ.

"އާން... މާލެ ފޮނުވަން ހަދިޔާ ހަދަނީ... ތިގެއަށާ މަންޝާމެން ގެއަށް..." މަދީހާ ބުނި ޖުމްލައިން މުނީރާ ވަރަށް އުފާވިއެވެ. އަދި އެހާމެ ހައިރާންވެސް ވިއެވެ.

"ނާހަމަ ތެދެއް... އެންމެ ފަހުން ކެތްނުވެގެން އެ މަންޖެއަށް ގުޅީދޯ... ވަރަށް އުފާ ވެއްޖެ...." މުނީރާގެ ހިތުގެ ޝުޢޫރު ހާމަކުރިއެވެ.

"އާން... މަަންޝާ ބުނި މިފަހަރު ބޮޑު ޢީދަށް ރަށަށް އަންނަ ވާހަކަ... އަމާ ހުރީ ވަރަށް އުފަލުން... އަމާ އަަބަދުވެސް މަންޝާގެ ވާހަކަ ދަައްކާނެ... އަދި ބުނި އަހަރެންގެ ހުރި ގޮތްދޫނުކުރުމޯ މަންޝާ ގައިގަވެސް އެ ހުންނަނީ.. އެމަންޖެވެސް ވަރަށް ގުޅަން ބޭނުންވެފައޭ ހުންނާނީ... އެންމެ ފަހުން އަހަރެން ގުޅީ... މުނީރާ ދެން ބޭއްވީ... މިހާރު މި އުޅެނީ އެއްޗެތި ތެލުލަން ފަށަން... ވަރަށް މަސައްކަތް އެބަހުރި.... ވަރަށް ސަލާމް..." މަދީހާ ފޯނު ބޭއްވުމަށްފަހު ފާޒިރާ ގާތަށް ޖެހިލިއެވެ. އޭރު އެންމެންވެސް އެކަކު އަނެކަކާ ހީ ސަމާސާކޮށް ވާހަކަ ދައްކަމުން ދިޔައެވެ.

*** *** *** *** *** ***

ނުނިދިގެން އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮތް ރިޔާޒްގެ ހަށިގަނޑު ހިމޭންވެލިއެވެ. މަގަތުގައި ނިދާފައި އޮތް މީރާ މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ރިޔާޒް އޮތީ ނިދާ ކަމަށް ހަދައިގެންނެވެ. ރިޔާޒާ ގާތްވެލަމުން އޭނާގެ ބޮލުގެ އިސްތަށިތަކުގައި މީރާ ފިރުމާލިއެވެ. އަދި ރިޔާޒްގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު ފާޚާނާއަށް ވަނީ ރީތިވާށެވެ.

މީރާ ފާޚާނާއަށް ވަނުމުން އަނެއްކާ ރިޔާޒް ދެލޯ ހުޅުވަައިގެން އޮތީ ކަމަކާ ވިސްނާށެވެ. އެކި ޚިޔާލުތައް ސިކުނޑީގައި ފުނިޖެހިފައި ހުރުމުން ރިޔާޒް އެވަނީ ނިދިން މަޚްރޫމު ވެފައެވެ. މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ.

"މަންމާ... ކޮންތާކު؟... ރިޔާޒް ނިދާފަ އޮތީ... އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ..."

އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރި ބަލާލިއެވެ.

"ހަލޯ، ޓެކްސީއެއް ލިބިދާނެތޯ.... ސިންދިތާ ސޯސަންމަގު..." މީރާގެ ކަންފަތުން ފޯނު ދުރުކޮށްލަމުން އެ ކޮޓަރިން ނިކުމެ މަޑުމަޑުން ދޮރު ލައްޕާލީ ރިޔާޒަށް ހޭލެވިދާނެތީއެވެ.

(ނުނިމޭ)