1997 ވަނަ އަހަރު އުފެދުނު ރޮކް ބޭންޑް "ކޯލްޑްޕްލޭ"ގެ ޝޯތަކެއް އަންނަ އަހަރު އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ" އަކީ މިއަދުވެސް ޒުވާނުންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބޭންޑެކެވެ. "މިއުޒިކް އޮފް ދި ސްފެއާސް ވޯލްޑް ޓުއާ" ގެ ތެރެއިން އިންޑިއާގެ މުމްބާއީގައި މި ބޭންޑުން ހުށައަޅަން ނިންމާފައިވާ ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 18 އާއި 19 ގައެވެ. 2016 ވަނަ އަހަރު މި ބޭންޑުން އިންޑިއާގައި ޝޯއެއް ދީފައިވާއިރު މިފަހަރުގެ ޝޯ ބެލުމަށް ޓިކެޓް ބުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ހަތަރު މެންބަރުން ހިމެނޭ މި ބޭންޑްގެ މެންބަރުންނަކީ ކްރިސް މާޓިން، ޖޯނީ ބަކްލަންޑް، ގާއި ބެރީމަން އަދި ވިލް ޗެމްޕިއަން އެވެ. މިހާތަނަށް 9 އަލްބަމް ނެރެފައިވާ "ކޯލްޑްޕްލޭ" ގެ ކުރިއަށް އޮތް އަލްބަމަކީ އަންނަ މަހުގެ 4 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "މޫން މިއުޒިކް" އެވެ. މި ބޭންޑުން ވަނީ އިންޑިއާގައި ލަވައެއް ވެސް ކުޅެފައެވެ. މީގެ އަށް އަހަރު ކުރިން "ހިމް ފޮ ދަ ވީކެންޑް" ލަވަ އިންޑިއާގައި ޝޫޓްކޮށްފައިވާއިރު މި ލަވައިގައި ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ވެސް ހަރަކާތްތެރިވެފައިވެއެވެ.