ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "އައުޓާ ބޭންކްސް" ގެ ހަތަރު ވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ އާންމު ކޮށްފިއެވެ.

މިފަހަރުގެ ޓްރެއިލާއިން ފެނިގެންދަނީ ހިތްހަމަޖެހިލައިގެން ދިރިއުޅެމުން ދަނިކޮށް އަނެއްކާވެސް ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހޭ ތަނެވެ. އެއާއެކު އެކުވެރި ޒުވާނުންތައް ވެގެން އެމީހުންގެ ކުރީގެ އެޑްވެންޗާ ދިރިއުޅުމަށް ވެއްޓެއެވެ. އައުޓާ ބޭންކްސް (އޯބީއެކްސް) ގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ސީރީޒްގެ ހަތަރު ވަނަ ބައި އަންނާނެކަން އިއުލާންކުރަމުން ބުނީ ސީރީޒް ގެނެސްދޭނީ ދެ ޕާޓަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ޕާޓު އަންނަ މަހު 10 ވަނަ ދުވަހު ސްޓްރީމްކުރާނެ ކަމަށެވެ. އަދި ދެވަނަ ޕާޓު އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ސްޓްރީމްކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

https://youtu.be/Io-m5bYmtVw

މި ސީރީޒްގައި ހިމެނޭ މައިގަނޑު ތަރިންނަކީ މެޑްލީން ކްލައިން (ސާރާ)، ޗޭސް ސްޓޯކްސް (ޖޯން ބީ)، ރޫޑީ ޕެންކޯ (ޖޭޖޭ)، މެޑިސަން ބެއިލީ (ކީ) އަދި ޖޯނަތަން ޑޭވިސް (ޕޯޕް) އެވެ. މި ހުރިހާ ތަރިންނެއްވެސް މި ސީޒަނުގައި ހަރަކާތްތެރި ވާނެއެވެ. ދިހަ އެޕިސޯޑު ހިމެނޭ ގޮތަށް ތިން ވަނަ ސީޒަން ނެރެން ތައްޔާރުވަުން އަންނައިރު ޓްރެއިލާގައި ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. މިފަހަރުގެ ސީޒަން ވެގެންދާނީ ހަމަގައިމުވެސް ނޭވާ ހިފަހައްޓައިލައިގެން ބަލަން އިންނަންޖެހޭ ސީޒަނަކަށެވެ.

ސީރީޒް ފެށިގެން ދިޔައީ ޖޯން ބީ ގެ ބައްޕަ މަރުވެ، ބައްޕަގެ ހަޒާނާ އެއް ހޯދުމަށް ޖޯން ބީ އާއި އޭނާގެ އެކުވެރިން މަސައްކަތް ފަށާ ހިސާބުންނެވެ. ނަމަވެސް ދެވަނަ ސީޒަން ނިމިގެންދިޔައީ ޖޯން ބީ ގެ ބައްޕަ ދިރިހުރިކަން އެނގޭ ހިސާބުންނެވެ. ތިން ވަނަ ސީޒަން ނިމުނީ ޖޯން ބީ އާއި އޭނާގެ ބައްޕަ އަށް ލިބުނު ކާމިޔާބާއެކުގައެވެ. ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.