ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބާއްވާ ފުރަތަމަ ސީނިއާ އޮފިޝަލްސް ޓޯކްސް މިއަދު މާލޭގައި ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެއް އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި ސަރުކާރުން ގަބޫލު ކުރެއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތުމަތު އިނާޔާއެވެ. އަދި އޮސްޓްރޭލިއާ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ މިސް ސާރާ ސްޓޯރީ އެވެ.

މި ބައްދަލުކުރެއްވުމުގައި، ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު އިރު، އޭގެ ތެރޭގައި، ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާއީ، ސަލާމަތާއި، ތަރައްގީގެ ދާއިރާ ހިމެނެއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ސާރާ އާއި އިނާޔާ ވިދާޅުވެ މަޝްވަރާ ކުރެއްވިއެވެ.

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އިގްތިސޯދީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދެނެގަނެ ތަރައްގީ އާއި ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމަށް ވަނީ އެއްބަސްވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ވިޔަފާރީގެ ވަސީލަތްތަކާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިގްތިސޯދަށް ވެސް ފައިދާވެ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވުމުގެ ފުރުސަތު އެބައޮތްކަމުގައި ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިސްވެރިން ވަނީ ވިދާޅުވެފައެވެ.

ސީނިއަރ އޮފިޝަލް ޓޯކްސްގެ ފުރަތަމަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް ކޯސްޓް ގާޑު، ހޯމް މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ހާޔާ އެޑިއުކޭޝަން މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.