މާލޭގެ ހެންވޭރު ގެއެއްގައި ދިރިއުލޭ ބިދޭސީންތަކެއްގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، އެގެ ބަލައި ފާސްކޮށްފައި ވަނީ ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ގޮތުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިއަ އެގެ ބަލައި ފާސްކޮށް އެ ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ބުނެފައި ވެއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ފަށާފައި ވާއިރު، މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޗަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ވެސް އިިގްރޭޝަނުން ވަނީ މަލޭގެ ފަސް ގެއެއް ބަަލައި ފާސްކޮށް ފަސް ބިދޭސީއަކު އަތުލައިގެންފައެވެ. މި މަހުގެ 14 ވަނަ ދުވަހު މާލޭގައި ބިދޭސީން ދިރިއުޅޭ ފަސް ގެއެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، މި މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުމާލޭގައި ބިދޭސީން ދިރިއުލޭ ތަނެއް ބަލައިހަތަރު ބިދޭސީއަކު އަތުލައިގެންފައެވެ.

ހަމައެއާއެކު މި މަހުގެ 16 ވަނަ ދުވަހު ދެ ގެއަކާއި ދެ ހޮޓާ ހިމެނޭ ހެން ހަތަރު ތަނެއް ބަަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، މި މަހުގެ 17 ވަނަ ދުވަހު މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް 16 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހު މާލޭ ސަރަހައްދުގައި ހިންގަމުންދާ ސެލޫންތަކާއި ސްޕާތަކެއް ބަލައިފާސްކުރި އިރު، 22 ތަނެއް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިހާރު އިމިގްރޭޝަނުން ގެތައް ބަލައި ފާސްކުރާ އިރު އެތަންތަނުގައި ގިނަ އަދަދުގެ އުނދުން ބަހައްޓައިގެން ކައްކާ ނުވަތަ ގިނަ އަދަދެއްގެ ގޭސްފުޅި ބަހައްޓާފއި ހުންނަ މަންޒަރު އާންމުކުރާ ފޮޓޯތަކުން ފެނެއެވެ. އަދި ކުދި ތަންތަންކޮޅުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، އެތަނުގެ ސާފުތާހިރުކަން ކުޑަކަން ވެސް ފާހަގަ ކުރެވެއެވެ.