ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއީ މި އަހަރުގެ ޓީ ބިލުގެ ދެވަނަ ބައި ކަމަށްވާ އިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުގައި ރޯލްއޯވާ ކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިދިޔަ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާ އެކު މަޝްވަރާކުރައްވައި މިކަމަށް އެދިވަޑައިގެންފައި ކަމަށެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކުރަމުން އެ މިނިސްޓްރީން ބުނީ، މި އެހީތެރކަން ލިބިގެން މި ދިޔައީ އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އައި ދުވަސްވަރެއްގައި ކަަމަށެވެ.

މި އެހީއަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާ ވެސް ދައްކުވައިދޭ ރަމްޒެއް ކަމަށް ފޮރިން މިނިސްތޓްރީން ބުނެއެވެ. އަދި އުންމީދު ކުރަނީ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.